ދުނިޔޭގެ ބައެއް ސަރަޙައްދުތަކުގައި މިހާރު ފެތުރެމުން އަންނަ މަންކީޕޮކްސްއަށް ދިވެހި ނަމެއްގެ ގޮތުގައި "މަކުނުވިދުރި" ކިޔުމަށް ދިވެހިބަހުގެ އެކަޑަމީން ނިންމައިފިއެވެ.

ދިވެހި ބަހުގެ އެކަޑަމީއިން މީޑިއާތަކަށް ފޮނުވާފައިވާ އެންގުމެއްގައި ބުނެފައިވަނީ މިހާރު ފެތުރެމުން އަންނަ މަންކީޕޮކްސްއަށް ދިވެހިބަހުން ބޭނުންކުރާނީ މަކުނު ވިދުރިކަމަށެވެ. އެހެންކަމުން މިބައްޔާއި ގުޅޭ ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި މިނަން ބޭނުންކުރުމަށް އެކަޑަމީން ވަނީ އެދިފައެވެ.

މިވަގުތު ރާއްޖޭގައި މަންކީޕޮކްސް ފެތުރުމުގެ ރިސްކު ނެތްނަމަވެސް، އިތުރު ޤައުމުތަކުން ކޭސްތައް ފެށި ރާއްޖެއަށްވެސް އެބަލި އައުމަކީ އެކަށީގެންވާ ކަމެއްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

އެޗްޕީއޭއިން ބުނީ އިނގިރޭސިވިލާތުގައި މަންކީޕްޮކްސް ވައިރަސްގެ ކޭސްތަކެއް ރިޕޯޓްކުރުމާއެކު އެ ބަލިމަޑުކަމުގެ ހާލަތު ބަލަމުންދާކަމަށެވެ. އަދި މި ކޭސްތަކާއި ގުޅިގެން ގައުމުތަކުން ބެލިބެލުމުން 21 މޭގެ ނިޔަަލަށް 12 ޤައުމަކުން 92 ކޭސް ފެނިފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނީ މިއަހަރުގެ މެއި މަހާ ހަމައަށް ރާއްޖެއިން އަދި އަވަށްޓެރި ޤައުމުތަކުންވެސް މަންކީޕޮކްސް ފެނިފައިނުވާކަމަށެވެ. އަދި މަންކީ ޕޮކްސްއަކީ ބަލި ޖެހިފައިވާ މީހަކާއެކު ގިނައިރު ކޮންޓެކްޓްވުމުން ފެތުރޭ ބައްޔަކަށްވުމާއެކު، މިވަގުތު ރާއްޖޭގައި މިބަލި ފެތުރުމުގެ ރިސްކު ކުޑަކަމަށް ލަފާކުރެވޭކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.

އެޗްޕީއޭއިން ބުނީ ގިނަ ޤައުމުތަކުން ބަލި އުޅޭތޯ ދެނެގަތުމަށް ކުރާ މަސައްކަތްތައް އިތުރުވުމާއެކު، އިތުރު ޤައުމުތަކުން ކޭސްތައް ފެނިދާނެކަމަށް ބެލެވޭކަމަށެވެ. އަދި އެއާއި ގުޅިގެން ރާއްޖެއަށްވެސް މަންކީ ޕޮކްސްގެ ކޭހެއް އައުމަކީ އެކަށީގެންވާކަމެއްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކަށިވިދުރީގެ ވެކްސިން ޖެހުން މިވޭތުވެދިޔަ އަހަރުތަކުގައި ހުއްޓާލުމާއި ގުޅިގެން ވޭތުވެދިޔަ 10 އަހަރު ތެރޭގައި އެބަލި ފެތުރޭ ޤައުމުތައް އިތުރުވަމުންދާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. ބަލީގެ ޢަލާމަތްތަކުގެ ތެރޭގައި އެންމެ ފުރަތަމަ ހުން އައިސް، ގައިގައި ރިއްސާ ވަރަށް ބޮޑަށް ވަރުބަލިވެ ބޮލުގައާއި ކަރުގައި ރިއްސާކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ކިހިލީގައާއި އުކުޅުވަޅުގައި ގޮށްލާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނީ ބަލިޖެހުމުން 1 ދުވަހާއި 4 ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގާކަމަށާއި އެންމެ ފުރަތަމަ ބިހިތައް ހުންނާނީ ފަތިކޮށްކަމަށެވެ.

ޢާއްމުކޮށް ގައިންގަޔަށް އަރާ ބަލިތަކާއި ޚިލާފަށް މިބަލި ފެތުރެނީ ބަލިޖެހިފައިވާ މީހަކާ ގިނައިރު ކޮންޓެކްޓް ވެގެންކަމަށް އެޗްޕީއޭއިން ބުނެއެވެ. މިބަލި ޖެހެނީ ބަލި ޖެހިފައިވާ މީހެއްގެ ކުޅުގައި ހުންނަ ޖަރާސީމު ނޭވާލުމުގެ ނިޒާމަށް ގޮސްގެންނާއި ބަލި މީހާގެ ހަމުގައިވާ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހިގެންނާއި ބަލި މީހާ ބޭނުންކޮށްފައި ހުންނަ ތަކެތީގައި އަތްލުމުންކަމަށް އެޗްޕީއޭއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު