ނ. ވެލިދޫ މަގުތައް ތާރު އަޅައިގެން ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ޕްލޭނިންގ މިނިސްޓްރީން މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރް.ޑީ.ސީއާއެވެ.

ނ. ވެލިދޫ މަގުތައް ތާރު އަޅައި، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކާއި، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤާއި ވެލިދޫ ކައުންސިލްގެ ރައީސް ޢާތިފް ޙުސެއިނެވެ. މި ރަސްމިއްޔާތުގައި ރަށުގެ ގިނަ އަދަދެއްގެ އާންމުންވެސް ވަނީ ބައިވެރިވެފައެވެ.



މި މަޝްރޫޢުގެ ދަށުން އެ ރަށުގެ 5.2 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ބަނދަރު މަގު ހިމެނޭހެން ރަށުގެ މައި 10 މަގެއްގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެންދާނެއެވެ.

ވެލިދޫ މަގުތަކުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރް.ޑީ.ސީއާއެކު ޕްލޭނިންގ މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ގައެވެ. މި މަސައްކަތް ފުރިހަމަކުރުމަށް އެކުންފުންޏަށް ދީފައިވަނީ 450 ދުވަހުގެ މުއްދަތެކެވެ.

ވެލިދޫ މަގު ހެދުމުގެ މަޝްރޫޢަށް ގާތްގަނޑަކަށް 588 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު