ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ހ. ދޫވެހިގައި ދަމާފައިހުރި "އިންޑިއާ އައުޓް" ބެނާ ނަގަން ކޯޓުން ދިން އަމުރު ބާތިލްކުރުމަށް ހުށަހެޅި މައްސަލައިގެ ހުކުމްކުރުމާއި ހަމައަށް ވާސިލުވެއްޖެއެވެ.

މިމައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ޕީޖީގެ ވަކީލުންނާއި ފުލުހުންނާ ގިނަ ސުވާލުތަކެއްކޮށްފައެވެ. މިގޮތުން ހެކި ހޯދަން ބަލައި ފާސްކުރުމުގެ އަމުރެއް ހިފައިގެން ފުލުހުން ޔާމީންގެ ގެކޮޅަށް ވަދެ ހޯދި ހެއްކަކީ ކޮބައިތޯ ފަނޑިޔާރުން އެއްސެވުމުން ފުލުހުން ވިދާޅުވީ ޔާމީންގެ ގެކޮޅުން ހޯދި ހަމައެކަނި ހެއްކަކީ "ބެނާ" އެއް ކަމަށެވެ.

މީގެއިތުރުން ކުށެއްގެ ތުހުމަތަށް ބަލައި ފާސްކުރަން ކޯޓު އަމުރަށް އެދުނުއިރު، އެ ތަންފީޒު ކުރުމުގެ ކުރިއަށް އަދި ތަންފީޒު ކުރުމަށްފަހުވެސް އެކަމާއި ގުޅޭގޮތުން އެއްވެސް މީހަކާ ސުވާލުކޮށް ބަޔާން ނަގާފައިވޭތޯ ފަނޑިޔާރުން އެެއްސެވިއެވެ. ޖަވާބުގައި އެއްވެސް ބަޔާނެއް ނުނަގާކަމަށް ފުލުހުން ވިދާޅުވުމުން، ކޯޓު އަމުރަކީ ފުލުހުން ބޭނުންވާ ގޮތަށް ހުށަހެޅުމުން ކޯޓުން ހަމަ އެ ގޮތަށް ހަމައެކަނި "ރަބަރު ސްޓޭމްޕް" ޖަހާފައި ދޫކޮށްލަން އޮންނަ ލިޔުމެއްތޯވެސް ފަނޑިޔާރުން ސުވާލުކުރެއްވިއެވެ.

ރައީސް ޔާމީންގެ ގެކޮޅު ބަލައި ފާސްކުރުމުގެ ކުރިން ޤާނޫނީ އިންޒާރުދިންތޯ ސުވާލުކުރުމުން ފުލުހުން ވިދާޅުވީ ޤާނޫނީ އިންޒާރުވެސް ނުދޭކަމަށެވެ.

"ކިހިނެއްތޯ އެނގޭނީ ގެއަށް ކީއްކުރަން ކަމެއް ތި ވަންނަނީ ވެސް،" ފުލުހުންގެ ޖަވާބާއި ގުޅިގެން ފަނޑިޔާރު ޝަފީއު ވިދާޅުވިއެވެ.

މީގެއިތުރުން މިމައްސަލަ ހުށަހެޅުނު ގޮތާއިމެދުވެސް ފަނޑިޔާރުން ވަނީ ސުވާލުކޮށްފައެވެ. އެގޮތުން އާންމު މަސްލަހަތު ގެއްލޭ މައްސަލައެއް ހުށަހަޅަން ޖެހޭނީ އާންމު ފަރާތަކުންކަމަށް ދައުލަތުގެ ވަކީލުންވެސް ޝަރީޢަތުގައި ވިދާޅުވިއެވެ. ނަމަވެސް މިމައްސަލައަކީ ފުލުހުން އަމިއްލައަށް އިސްވެގެން ބަލަން ފެށި މައްސަލައެއްކަމަށް ފުލުހުން އިއުތިރާފްވިއެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ އިތުރުކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމްކުރުންކަމަށެވެ.

މި މައްސަލަ ބައްލަވާ ހައިކޯޓުގެ ބެންޗުގައި ތިއްބަަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.

ޔާމީންގެ ގެކޮޅުގައި "އިންޑިއާ އައުޓް" ބެނާއެއް ދެމުމުން ފުލުހުން ކުރާ ތުހުމަތަކީ ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ (ހ.) ގެ ހަވަނަ ނަންބަރުގައި ބަޔާން ކުރާ ކުށެވެ. އެ މާއްދާއަކީ އާންމު މަސްލަހަތަށް ގެއްލުންދޭން އުޅުމުގެ ކުށަށް ހާއްސަކޮށްފައިވާ މާއްދާއެކެވެ. ނަމަވެސް ދައުލަތުގެ ވަކީލުންވެސް ފާހަގަކުރައްވާ ފަދައިން މިފަދަ މައްސަލަތައް ހުށަހެޅޭނީ އާއްމު ފަރާތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު