އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޔޫއެންގެ ރެޕެޓުއާ ފެނިއުލާ ނީ އައޮލީ އާ ބައްދަލުކޮށް އެކޯލިޝަންގެ ކަންބޮޑުވުންތައް ހިއްސާކޮށްފި އެވެ.

ޔޫއެންގެ ރެޕެޓުއާއާއެކު މިއަދު ބޭއްވި އެ ބައްދަލުވުމުގައި އިދިކޮޅު ލީޑަރޝިޕްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

އެ ބައްދަލުވުމަށްފަހު އިދިކޮޅު ޕީޖީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ގާނޫނުއަސާސީން ލިބިދޭ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމާއި މުޒާހަރާ ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމާއި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާ މައްސަލަ ޔޫއެންގެ ރެޕެޓުއާއާއި މިއަދު ހިއްސާކޮށްފައިވާ ކަމަށެވެ.

އަދި މުޒާހަރާތަކުގައި ހާއްސަކޮށް އަންހެނުންނަށް އަނިޔާކުރާ މައްސަލަވެސް ހިއްސާކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅުއްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ރިޔާސީ ގަރާރާއެކު އެ ހަރާކާތް ހުއްޓުވުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅައި، ސުލްހަވެރި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާތީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއްކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލުންވެސް މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު