ލަންކާއަށް ދިމާވި އިޤްތިޞާދީ ދަތި ހާލަތާއި އެކަންކަމުގެ ސަބަބުން އެ ޤައުމަށް ކުރިމަތިވި ކަންކަމުން ރާއްޖެއަށް ފިލާވަޅަކަށްވާންޖެހޭކަމަށް ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު ވިދާޅުވީ ޤައުމުގެ އިޤްތިޞާދު ވަރަށް ރަނގަޅަށް މެނޭޖްކުރަންޖެހޭކަމަށާއި، އެހެން ނޫންނަމަ "ނާށިގަނޑު ހިފައިގެން ސަލާންޖަހަން" އުޅެންޖެހިދާނެކަމަށެވެ.

ޑރ. ވަހީދު ވަނީ މިހާރުވެސް ރާއްޖެއިން ކަންބޮޑުވާ ކަންކަން ފެންނަމުންދާކަން ފާހަގަކުރަށްވާފައެވެ. އެގޮތުން ސަރުކާރާއި އެމްއެމްއޭ އެއްގަލަކަށް ނޭރުން، ޗާޕުކުރާ ފައިސާ އިތުރުވުން، އިތުރުވަމުން އަންނަ ދަރަންޏާއި، ޕްލޭންތަކެއް ނެތި މުސާރަތައް ބޮޑު ކުރުމާއި، ބޭރުގެ އިންވެސްޓްމެންޓުތައް މަދުވުމުގެ އިތުރުން، ބޭރު ފައިސާގެ ތާށިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޑރ. ވަހީދު ވިދާޅުވީ މިކަންކަމަށް ރިޔާއަތްކުރުމަށްފަހު މާ ލަސް ނުވަނީސް ލަންކާއަށް ދިމާވި ކަންކަމުން ފިލާވަޅު ނަގަންޖެހޭކަމަށެވެ.



ލަންކާގެ އިޤްތިޞާދު މިހާރު އޮތީ އެޤައުމަށް މިނިވަންކަން ލިބުނު ފަހުން ކުރިމަތިވި އެންމެ ދަތި ހާލަތުގައެވެ. ޤައުމަށް އިމްޕޯޓްކުރަންޖެހޭ ތަކެތި ގަތުމަށް ބޭނުންވާ ބޭރު ފައިސާ ނެތްއިރު، މިއިން ދުވަހަކުވެސް ލަންކާގެ އިޤްތިޞާދު ހަމައަކަށް އެޅޭނެކަމަކަށް ނުބެލެވޭކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ލަންކާއަށް ދިމާވެފައިވާ އިޤްތިޞާދީ ކާރިސާއިން އަރައިގަތުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ދަނީ އެހީތެރިވަމުންނެވެ. ނަމަވެސް އެޤައުމުގައި ހަމަނުޖެހުން ބޮޑުވުމާއި، ސަރުކާރުގެ ތެރޭގައި ސިޔާސީ ކޯޅުން އިތުރުވެފައިވާތީ މިކަންކަމަށް އެދެވޭ ހައްލުތަކެއް އަންނަތަނެއް ނުފެނެއެވެ.



ކިޔުންތެރިންގެ ހިޔާލު