ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ފިއުލް ފާމާއި، އައު ކާގޯ ޓަރމިނަލް ކޮމްޕްލެކްސް މިއަހަރު ބޭނުންކުރުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ބުނެފިއެވެ.

އެމް.އޭ.ސީ.އެލުން ބުނީ، އައު ފިއުލް ފާމުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާއި މިހާރު ކުރިއަށްދަނީ އިލެކްޓްރިކަލް އަދި ފަޔަރ ފައިޓިންގ ސިސްޓަމްތަކާއި، ސެކިޔުރިޓީއާއި ސީސީޓީވީތައް ކޮމިޝަންކޮށް ޓެސްޓުކުރުމުގެ މަސައްކަތްކަމަށެވެ.

ވީއައިއޭގައި އަލަށް ތަރައްޤީކުރާ ފިއުލް ފާމަކީ މިހާރު ބޭނުންކުރާ ފިއުލް ފާމަށްވުރެ ޖާގައިގެ ގޮތުން 3 ގުނަ ބޮޑު ތަނެކެވެ. މިތަނުގައި 45 މިލިއަން ލީޓަރުގެ ޖެޓް އޭ ވަން ފިއުލް، އެއް މިލިއަން ލީޓަރުގެ ޑީސަލް އަދި 0.1 މިލިއަން ލީޓަރުގެ ޕެޓްރޯލް ރައްކާކުރެވޭނެއެވެ.

އެމްއޭސީއެލުން ބުނީ އެއަރޕޯޓުގެ އައު ކާގޯ ޓަރމިނަލް ކޮމްޕްލެކްސްގެ 93 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި ޓަރމިނަލުގެ އެތެރޭގެ ފެންސް ޖެހުމުގެ އިތުރުން، ފިނިޝިންގެ ބައެއް މަސައްކަތްތަކާއި މެޝިނަރީ އިންސްޓޯލްކުރުމާއެކު އައި.ސީ.ޓީ ނެޓްވަރކް ޤާއިމްކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ. އަދި ޓަރމިނަލާއި އިންވެގެން ތަރައްޤީކުރެވެމުންދާ ކާގޯ ހާބަރުގެ މަސައްކަތުގެ 98 އިންސައްތަ ،މިހާރު ނިމިފައިވާކަމަށްވެސް އެމްއޭސީއެލުން ބުނެއެވެ.

ވީ.އައި.އޭ ތަރައްޤީކުރުމަށް ކުރިއަށްގެންދާ 1 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢުގެ ދަށުން އެއަރޕޯޓުގެ ޖާގަ އިތުރުކޮށް، ތަނުގެ ވަޞީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ ތެރެއިން އައު ރަންވޭގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި އައު ސީ ޕްލޭން ޓަރމިނަލްވެސް ވަނީ ނިމިފައެވެ.



ކިޔުންތެރިންގެ ހިޔާލު