2015 ވަނަ އަހަރު ކ. ފުށިދިއްގަރު ފަރަށް ދެ އުޅަނދެއް އެރި މައްސަލައިގައި ކުރި 100 މިލިއަންގެ ޖޫރިމަނާ ފައިސާ ހޯދަން ކޯޓަށް ދާން ނިންމާފައިވާކަމަށް އެންވަރަންމަންޓް ޕްރޮޓަކްޝަން އޭޖެންސީން ބުނެފިއެވެ.

"މުތާ ރޯޔަލް" ކިޔާ ޓަގު ބޯޓާއި "މުތާ ގްރޭސް" ކިޔާ ބާޖު ފުށިދިއްގަރު ފަރަށް އަރާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެ ބޯޓުތައް ނަގާފައިވަނީ 19 މާރޗު 2017 ގައެވެ. އަދި އެ ސަރަޙައްދަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ހެދި ސާވޭއަށްފަހު 100 މިލިއަން ރުފިޔާއިން އެބޯޓުތައް ޖޫރިމަނާ ކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާރިޗް މަހުގެތެރޭގައެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާޙިމް ނައީމް ވިދާޅުވީ ޖޫރިމަނާއަށްވާ 100 މިލިއަން ރުފިޔާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ދެ އުޅަަނދުގެ ލޯކަލް އޭޖެންޓުގެ ގޮތުގައި ހަރަކާތްތެރިވަމުން އައި މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑަށް އޭރު އީޕީއޭއިން އެންގިކަމަށާއި ނަމަވެސް މިހާތަނަށް އެފައިސާ ދައްކާފައިނުވާކަމަށެވެ. އެހެންކަމުން ޖޫރިމަނާގެ ފައިސާ ހޯދަން ކޯޓަށް ހުށަހެޅުމަށްޓަކައި ލިޔެކިޔުން ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ނައީމް ވިދާޅުވިއެވެ.

އީޕީއޭއިން ބުނާގޮތުން މި ވޭތުވެދިޔަ 3 އަހަރު އީޕީއޭއިން ކޮށްފައިވާ ޖޫރިމަނާތަކުގެ ތެރެއިން މިފައިސާ ނޫނީ ދައުލަތަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް މިހާރު ވަނީ ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު