ރައްޔިތުންގެ މަޖިލީހުން ގާނޫނު ޑްރާފްޓް ކުރަންޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕިއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް އެއްވެސް ޒިންމާއެއް މިހާރު ނެތް ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ޖަލްސާ ފެށުމަށްފަހު ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާ ޖެހެނީ ނިންމާލަން ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ މަސައްކަތްތައް ކުރަންޖެހޭނެ ކަމަށެވެ. އެގޮތުން މަޖިލީހުން ގާނޫނު ޑްރާފްޓް ކުރަންޖެހޭ ހިސާބަށް ކަންކަން ހިގައްޖެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ އެމްޑީޕީގެ ލެޖިސްލޭޓިވް އެޖެންޑާ މިހާރު ފުރިހަމަވީތޯއާއި ހަދަން ޖެހޭ ގާނޫނުތައް ފުރިހަަމަވީތޯ ސުވާލު ކުރައްވާފައެވެ. ޝިޔާމް ވިދާޅުވީ މަޖިލިސް ބާކީ ނުކުރެވޭނެ ކަމަށާއި މަޖިލީހާއި ނުލައި ސަރުކާރު ނުހިގާނެ ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ހުށައަޅާ އެއްވެސް މައްސަލައެއް ބަލައިނުގަންނަ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"މިތަނުގައި މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ދެ ވަޒީރަކާއި ސުވާލުކޮށްގެން މިއުޅެނީ ވަޒީރުންނަށް ވަގުތު ނުވެގެންނޭ ވިދާޅުވަނީ. މިހާރު ދެ މަސްވެއްޖެ އަޅުގަނޑުގެ ދާއިރާއާއި ގުޅުންހުރި ބޮޑެތި ސުވާލުތައް އެ ހުންނަނީ އިއްޒަތްތެރި ރައީސް." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވާއިރު ކުރާނެ މަސައްކަތެއް ނެތިގެން މިއަދުގެ މަޖިލިސްވެސް ވަނީ ނިންމާލާފައެވެ. މިދިޔަ ހޯމަ އަދި އަންގާރަ ދުވަހުގެ މަޖިލިސް ވެސް ނިންމާލައިފައިވަނީ ކުރާނެ މަސައްކަތެއް ނެތް ކަމަށް ބުނެެ އެވެެ. އެ ދެ ދުވަހުވެސް މަޖިލިސް ކުރިއަށް ގެންގޮސްފައި ވަނީ 35 މިނެޓަށެވެ. މަޖިލީހުގައި ޖުމްލަ 85 މެންބަރުން ތިއްބަވާއިރު ކޮންމެ މެންބަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކަށް 80،000 އަށް ވުރެ ގިނަ ރުފިޔާ އާއި ކޮމިޓީގައި ކުރާ މަސައްކަތަށް އެލަވަންސް ލިބަވަޑައިގަންނަވައެވެ. މީގެއިތުރުން އާސިއާންގެ ގައުމުތަކުން ހިލޭ ބޭސްފަރުވާ ކޮށްދެއެވެ.

މިއީ ހައްތާވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ބޭކާރު ހޭދަކަމަށް ގިނަ ރައްޔިތުން ގަބޫލުކުރެއެވެ. އަދި ނުވިތާކަށް އެބޭފުޅުން ސިޔާސީ މަސައްކަތް ކުރާތީ ކަމަށްބުނެ އެއްވެސް ކަމަކާ ނުލައި ދައުލަތުގެ ނުވަތަ ރައްޔިތުންގެ ކަންކަމަށް ޚަރަދުކުރަން އޮންނަ ބަޖެޓުން މިލިއަނުން ޕާޓީތަކަށް ފައިސާ ދެއެވެ.



ކިޔުންތެރިންގެ ހިޔާލު