އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގައި ރާއްޖެއިން ބައިވެރިވުމުން ޔޫރަޕަށް ބޭރުކުރާ މަހަށް ޑިއުޓީގެ ލުއި ލިބުމުގައި ހުރި ދަތިތައް ފިލައިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވީ ރާއްޖެެއިން އެކްސްޕޯޓްކުރާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ޔޫރަޕިއަން ޔޫނިއަނާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގައި ބައިވެރިވުމަށް މަޖިލީހުން ރުހުން ދީފައިވާއިރު އެ ޖަމިއްޔާގައި ބައިވެރިވުމުން ޑިއުޓީ އިނާޔަތްތައް އޮންނަ އުސޫލުން ލިބޭނެ ކަމަށް މިނިސްޓަރު ޑރ. ހުސައިން ވިދާޅުވިއެވެ.

"މިހާރު ޑިއުޓީ އިނާޔަތް އަޅުގަނޑުމެންނަށް ނުލިބޭ. ޚާއްސަކޮށް ޔޫރަޕިއަން ޔޫނިއަނަށް ހުރި ދަތިތައް ފިލައިގެންދާނެ." ފިޝަރީޒް މިނިސްޓަރު ވިދާޅުވިއެވެ.

އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ މެންބަރު ގައުމުތަކުގެ ތެރޭގައި ކެރީބިއަން، އެފްރިކާ އަދި ޕެސިފިކްގެ ބައެއް ގައުމުތައް ހިމެނެއެވެ. މިހާރު 79 ގައުމެއް ބައިވެރިވާ މި ޖަމުޢިއްޔާގައި ރާއްޖެއިން ބައިވެރިވެއްޖެނަމަ ރާއްޖެ ވެގެންދާނީ މި ޖަމުޢިއްޔާގައި ބައިވެރިވާ 80 ވަނަ މެންބަރު ގައުމަށް ކަން ފާހަަގަކޮށްލެވެއެވެ.

މި ޖަމުޢިއްޔާގެ އިދާރާ ހުންނަނީ ބެލްޖިއަމްގެ ވެރިރަށް ބްރަސްލްސްގައެވެ.

މީގެ އިތުރުން އޯއޭސީޕީއެސްއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އިންސްޓިޓިއުޝަންތަކުގެ އެހީތެރިކަން ލިބުމަށް އިތުރަށް މަގުފަހިވެގެންދާނެ އެވެ.

އެގޮތުން ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށާއި ރާއްޖެއަށް ޔޫރަޕުގެ ޝެންގެން ވިސާ ހޯދުމަށް ވެސް ލުއި ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު