"މެރީނާ ވިއު އެޕަރޓްމަންޓް" މަޝްރޫޢު ހިންގުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ހުޅުވާލައިފިއެވެ.

3 ޢިމާރާތެއްގެ މަސައްކަތް ހިމެނޭ މި މަޝްރޫއަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިންގުމަށް ހުޅުވާލާ މަޝްރޫއެކެވެ.

ވިޔަފާރި އުސޫލުން އެކި ފަންތީގެ މީހުންނަށް އަމާޒުކޮށްގެން ހިންގާ މި މަޝްރޫޢުގެ ބިން ކަނޑައަޅާފައިވަނީ ހުޅުމާލެ ފޭސް އެކެއްގެ ފިތުރޯނުމަގާއި ފޭސް 2އާ ގުޅޭ ސަރަޙައްދުގައެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ މި މަޝްރޫޢުގައި އިމާރާތްކުރާ 3 ޢިމާރާތުގައި 549 ހައުސިން ޔުނިޓް ހިމެނޭނެކަމަށެވެ. އެއީ 231 އެޕަރޓްމަންޓްގެ ޢިމާރާތަކާއި، 110 އެޕަރޓްމަންޓްގެ ޢިމާރާތަކާއި، 208 އެޕަރޓްމަންޓްގެ އިމާރާތެކެވެ.

މި މަޝްރޫޢުގައި ހިމެނެނީ 2 ކޮޓަރިއާއި 3 ކޮޓަރީގެ އެޕަރޓްމަންޓްތަކަކަށްވާއިރު، 2 ކޮޓަރީގެ އެޕަރޓްމަންޓްތަކުގައި މަދުވެގެސް 750އަކަފޫޓު ހުންނަން ޖެހޭނެއެވެ. އަދި 3 ކޮޓަރީގެ އެޕަރޓްމަންޓް ތަކަކީ 1000އަކަފޫޓުގެ އެޕަރޓްމަންޓްތަކެވެ.

މި މަޝްރޫޢާއެކު ދެން ހިމެނެނީ ވިޔާފާރިކުރުމަށް ހަދާ "މެރީނާ ވިއު ކޮމާޝަލް" އެވެ. މި މަޝްރޫޢަކީ ވަކިވަކި 3 އިމާރާތެއް ހިމެނޭ މަސައްކަތެކެވެ.

މިއިން ކޮންމެ އިމާރާތެއްވެސް ހުންނާނީ، މަޝްރުޢުގައި ތަރައްޤީކުރާ ހައުސިން އިމާރާތްތަކުގެ ކުރިމައްޗަށްވާގޮތަށް ބްރިޖަކުން ގުޅާލާފައެވެ.

މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށައެޅުމަށް ހުޅުވާލާފައިވަނީ އަންނަ މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށެވެ.



ކިޔުންތެރިންގެ ހިޔާލު