ބާ ކައުންސިލްގެ ،މެމްބަރުން ރައީސް ސާލިހު އަރިހުގައި --
ބާ ކައުންސިލްގެ ،މެމްބަރުން ރައީސް ސާލިހު އަރިހުގައި --
ވަކީލު ކަމުގެ ހުއްދަ ދިނުމުގެ ކުރިން ބާއްވާ ބާ އިމްތިހާނުގެ ފީގެ މައްސަލަ ކޯޓުން ނިމެންދެން އެ އިމްތިހާނު ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

މި މައްސަލައަކީ ބާ އިމްތިހާނަށް ފީގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދަކީ މާބޮޑު އަދަދެއް ކަމަށް ބުނެ ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަކުން އެ ކޯޓަށް ވެއްދި މައްސަލައެކެވެ. އެ ފަރާތްތަކުން ހުށަހެޅި މައްސަލާގައި، ބާ އިމްތިހާންގެ ފީގެ އިތުރުން ބާ އިމްތިހާންގެ ސިލަބަސް މުޅިން ގާނޫނީ މާއްދާތަކަށް އަމާޒުކޮށް ހަދާފައިވާތީ، އެއީ ތަފާތު ކުރުމެއް ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން އެކަމަށް އެ މައްސަލާގައި ކޯޓުން ގޮތެއް ނިންމަންދެން އިމްތިހާނު ފަސްކުރަން އެފަރާތްތަކުން އޮތީ އެދިފައެވެ.

މި މައްސަލާގައި ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު އިއްޔެ ނިންމެވި ނިންމުމުގައިވަނީ އިމްތިހާންގެ ފީ ބޮޑުވުމުން އިމްތިހާންގައި ބައިވެރި ނުވެވުނަސް، މައްސަލަ ނިމޭ ގޮތަކުން ބަދަލު ހޯދުމުގެ ފުރުސަތު ފަހުން އޮންނާނެ ކަމަށެވެ. އަދި އެ އިމްތިހާނަކީ މި މައްސަލަ ހުށަހެޅި މީހުންގެ އިތުރުން އެނޫން ބައެއް މީހުންވެސް ބައިވެރިވާ އިމްތިހާނަކަށް ވާތީ އެ ފަރާތްތަކުގެ ބަހެއް ނެތީސް، އެ މީހުންނަށް އިއާދަ ނުކުރެވޭނެ ގެއްލުމެއް ލިބިދާނެތީ، އެ މައްސަލާގެ ތެރެއިން ގޮތެއް ނުނިންމޭނެ ކަމަށް އެ ނިންމުމުގައިވެއެވެ.

ކޯޓުގެ ނިންމުމުގައި އިތުރަށް ބުނެފައިވަނީ ބާ ކައުންސިލުން އެ އިމްތިހާނަށް ހަރަދު ކޮށްފައި ވަނިކޮށް، އިމްތިހާން ހުއްޓުވައިފި ނަމަ އެ ހަރަދު އަނބުރާ ލިބޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ބާ އިމްތިހާނުގެ ފީއެއްގެ ގޮތުގައި 10000 ރުފިޔާ ނަގާއިރު ގިނަ ވަކީލުން ދަނީ މިކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު