ގޮތް ދޫކޮށް ސަރުކާރުގެ ހަރަދުތައް ވަގުތުން ކުޑަކުރަން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.

ޕީއެންސީގެ ނާއިބް ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިހެން ވިދާޅުވީ އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހާލަތަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ދުނިޔޭގެ މަޝްހޫރު އިންވެސްމަންޓް ބޭންކް، ޖޭޕީ މޯގަނުން ބުނުމާއި ގުޅިގެން އެކަމަށް އިޝާރަތްކުރައްވަމުންނެެވެ. އެބޭންކުން މިހެން ބުނި ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވީ ދަރަނިި ދެއްކުމުގެ ގާބިލްކަން އެބަހުރި ކަމަށާއި ރާއްޖެ ބަނގުރޫޓް ނުވާނެ ކަމަށެވެ.

އެކަމާ ގުޅިގެން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ހިތުހުރި ވަރަކަށް ފައިސާ ޗާޕު ކުރުމާއި ލޯނުގެ މައްޗަށް ލޯނު ނަގައިގެން ސަރުކާރު ހިންގުމަކީ ހައްލެއް ނޫން ކަމަށެވެ. އަދި ސްކޫލު މަދަރުސާތައް ފަދަ ބޮޑެތި އިމާރާތްތައް މިހާރު ވެސް ރަހުނުކޮށްފައިވާ ކަމަށާއި މުސާރައާއި ތެލާއި ކާޑަށް ލޯނު ނަގަމުންދާ ކަމަށްވެސް ކުރީގެ އިކޮންމިކް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.



"ގޮތް ދޫކޮށް ސަރުކާރުގެ ޚަރަދުތައް ވަގުތުން ކުޑަކުރަންޖެހޭ." ސައީދު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން މާޗު މަހު އާންމުކުރި ދައުލަތުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ ޖުމްލަ ދަަރަނި ވަނީ 94 ބިލިއަން ރުފިޔާ އަށް އަރާފައެވެ. ރާއްޖޭގެ ދަރަނީގެ ހާލަތާއިމެދު ގަވަރުނަރު ޢަލީ ހާޝިމް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މިދިޔަ އަހަރު ސްކޫކް ވިއްކައިގެން ދަރަނި މެނޭޖުކުރުމުގެ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެގޮތުން، ދައުލަތުގެ ދަރަނީގެ ތެރެއިން 192 މިލިއަން ޑޮލަރު މިދިޔަ އަހަރު ވަނީ ދައްކާފައި ކަމަށާއި، އަންނަ މަހުގެ ފުރަތަމަ ހަފްތާގައި އިންޓްރެސްޓާ އެކު 62 މިލިއަން ޑޮލަރު ދައްކާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، 62 މިލިއަން ޑޮލަރު ދައްކާނެ ފަންޑް މިހާރު ވެސް ސަރުކާރުގައި އެބަހުރި ކަމަށާއި ދެން ކުރިއަށް އޮތް ތާނގައި، މީޑިއަމް ޓާމްގައި ރާއްޖޭގެ އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭނީ 2026 ވަނަ އަހަރު ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް މީޑިއަމް ޓާމްގައި ރާއްޖޭގެ ދަރަނި ދެއްކުމުގެ އެއްވެސް ކަހަލަ ރިސްކެއް ނެތްކަމަށް އަމީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު