މިއަދު ރާއްޖެއިން ފެންނަނީ ގައުމުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް އަޅާނުލެވިދާ މަންޒަރުކަމަށާއި ވިޔަފާރިތައް ހީނަރުވާނަމަ ނޭދެވޭ އަސަރުކުރާނެ ކަމަށް އެމްއެންޕީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރިސޯޓުތަކުން ދައުލަތަށް ނުދައްކާ ހުރި ފައިސާގެ އަދަދު ލިޔެފައިވާ ފޮޓޯއެއް ހިއްސާ ކުރައްވަމުން ޝަރީފް ވިދާޅުވީ، ގައުމެއްގެ ތެރޭގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް އަޅާނުލެވި އެ ވިޔަފާރިތައް ހީނަރުވާނަމަ ދައުލަތުގެ އާމްދަނީއަށް ނޭދެވޭ އަސަރު ކުރާނެކަމަށެވެ. އަދި މިހާރު ރާއްޖެއިން ފެނިގެންދަނީ އެކަމުގެ ހެކިކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން މިކަންކަމަށް ބަލައިގެން ސިޔާސަތުތައް އިސްލާހުކޮށް ހަރުދަނާ ކުރަންޖެހޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޝަރީފު މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ގިނަ ރިސޯޓުތަކަކުން ދައުލަތަށް ދައްކަންޖެހޭ ކުލި ނުދައްކާ ގިނަ ދުވަސްތަކެއް ވެފައިވާތީ، މީރާއިން އިއްޔެ އާންމުކުރި މައުލޫމާތަށް ބަލާއިރު ރިސޯޓު ކުލީގެ ގޮތުގައި 16.9 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބި އެބައޮތެވެ. އިންކަމް ޓެކްސްގެ ގޮތުއި 1.8 ބިލިއަން ރުފިޔާ ނުލިބިވެއެވެ. އަދި ޖީއެސްޓީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާއާއި ޓީޖީއެސްޓީގެ ގޮތުގައި 6 ލައްކަ ރުފިޔާ ނުލިބި ވާކަމަށް މީރާއިން ވަނީ ބުނެފައެވެ.

މިހާބޮޑު އަދަދެއް ރިސޯޓުތަކުން ދައްކަން ޖެހިފައި އޮތުމުން، އެކަމުގެ ފާޑުކިޔުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ދަނީ އަމާޒުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު