ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ބައި ކިލޯގެ މަސްތުވާތަކެތި ދިވެހި ކަސްޓަމުން އަތުލައިގެންފި އެވެ.

ކަސްޓަމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ތަކެތި އަތުލައިގަތީ ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތަކެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އެތަކެތި އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން މި މަހުގެ 18 ވަނަ ދުވަހު ބަލައި ފާސްކުރެވުނު ޕާރުސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލާގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 0.537 ކިލޯ ހުރި ކަމަށް ކަސްޓަމުން މައުލޫމާތުދެ އެވެ. ކަސްޓަމުން ވަނީ މި ތަކެތި ފުލުހުންނާއި މިހާރު ހަވާލުކޮށްފަ އެވެ.

މިއަހަރުގެ މިހާތަނަށް ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 6.3 ކިލޯގެ މަސްތުވާތަކެއްޗާއި އެއާކާގޯ ޝިޕްމެންޓެއްގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 17 ކިލޯގެ މަސްތުވާތަކެތި ކަސްޓަމުން ވަނީ އަތުލައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު