ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ވަނީ ރައްޔިތުންގެ އިތުބާރު ހޯދާފައިކަމަށާއި އެކަމާ އުފާފުޅު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑަބްލިއުއެސްސީއަށް 27 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، އެމްޑަބްލިއުއެސްސީއަކީ ރައްޔިތުންގެ އެންމެ އަސާސީ ހިދުމަތްތައް ފޯރުކޮށްދެމުންދާ ކުންފުނި ކަމަށާއި އެ ކުންފުނިން ހިދުމަތް ދެނީ ރައްޔިތުން ބަލައިގަންނަ ގޮތަށްކަމަށެވެ.

އެހެންކަމުން އެ ކުންފުންޏަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެއް ކަމަށާއި އަދި އެކަމާ އެމަނިކުފާނު ވަރަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ކުންފުންޏަކީ ވިޔަފާރިއަށްވުރެ ބޮޑަށް ރައްޔިތުންނަށް ހިދުމަތް ދޭ ކުންފުންޏެއްކަމަށް ރައީސް ވިދާޅުވިއެވެ.

"ހިންގުމުގެ ދާއިރާއަށް ބަލާއިރުވެސް، އަދި މުވައްޒަފުންގެ ހިތްހަމަޖެހުމަށް ބެއްޔަސް، އެމްޑަބްލިޔުއެސްސީއަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެއް." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެ ކުންފުނިން ވަޒީފާ ހަމަޖައްސައިދޭތީ އެކަންވެސް ފާހަގަ ކުރައްވާފައެވެ. ރައީސް ވިދާޅުވީ، މިވަގުތުވެސް އެ ކުންފުނީގައި ހާއްސަ އެހީއަށް ބޭނުންވާ 18 މުވައްޒަފުން އެބަތިބި ކަމަށާއި އަދި މިހާރުވެސް އިތުރު ވަޒީފާތަކެއް އެފަދަ ފަރާތްތަކަށް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ނަމަވެސް، ކުންފުނީގައި އަންހެން މުވައްޒަފުން ނިސްބަތުން މަދުކަން ރައީސްވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކަނބަލުން ބާރުވެރި ކުރުވުމަށްޓަކައި ކުންފުނީގެ މެނޭޖުމަންޓުގެ ފަރާތުން އެކަމަށް ވިސްނެވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ކުންފުނީގެ މަސައްކަތަކަށް ތައުރީފު ކުރައްވަމުން ރައީސް ވަނީ، ކުންފުނިން ރައްޔިތުންގެ އިތުބާރު ހޯދިފައިވަނީ، މަސައްކަތަށް ވަރަށް ފަރުވާތެރި އަދި އިހްލާސްތެރި މުވައްޒަފުންތަކެއް ކުންފުނީގައި ތިބީމާ ކަމަށާއި، މުވައްޒަފުންގެ ފަރުވާތެރިކަން އުފެދިގެން އަންނަނީ، މަސައްކަތުގެ މާހައުލާމެދު މުވައްޒަފުން ހިތްހަމަޖެހޭތީ ކަމަށްވެސް ވިދާޅުވެފައެވެ.

"އިތުބާރު ހުރި ގޮތެއްގައި ޚިދުމަތް ދިނުމަށް، މި ކުންފުނީގެ ބޯޑު މެމްބަރުންނާއި މެނޭޖްމަންޓުން ކުރާ މަސައްކަތްތައް ފާހަގަކޮށް، ރައްޔިތުންގެ ނަމުގައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން. ރައްޔިތުންގެ އިތުބާރު ހޯދިފައިވަނީ، މަސައްކަތަށް ވަރަށް ފަރުވާތެރި އަދި އިހުލާސްތެރި މުވައްޒަފުންތަކެއް ތިބީމާކަން އަޅުގަނޑަށް ޔަގީން. މުވައްޒަފުންގެ ފަރުވާތެރިކަން އުފެދިގެން އަންނަނީ، މަސައްކަތުގެ މާހައުލާމެދު މުވައްޒަފުން ހިތްހަމަޖެހޭތީ." ރައީސް ޞާލިޙް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު