އެމްޑަބްލިޔުއެސްސީގެ ތާރިހުގައި ފެނާއި ނަރުދަމާގެ އެންމެ ގިނަ މަޝްރޫޢުތައް ހިންގީ މިއަހަރުކަމަށް އެކުންުފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

އެމްޑަބްލިޔުއެސްސީގެ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ، މިދިޔަ އަހަރު ފެށި މަޝްރޫއުތަކާއެކު ޖުމްލަ 31 މަޝްރޫއެއްގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާކަމަށެވެ. އޭގެތެރެއިން ހަތަރު މަޝްރޫއެއް ނިމިފައިވާކަމަށާއި މިއަހަރު ނިމުމުގެ ކުރިން 20 މަޝްރޫއެއްގެ މަސައްކަތް ނިންމާލުމަކީ އެ ކުންފުނީގެ އަމާޒެއްކަމަށްވެސް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ މީގެ 27 އަހަރުކުރިން އެމްޑަބްލިޔުއެސްސީ އުފެދިގެން އައިރު ހިދުމަތްދިނީ ހަމައެކަނި މާލެއަށްކަމަށާއި، ނަމަވެސް އެކަން ބަދަލުވެ އަތޮޅުތަކުގައި އެކުންފުނިން މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އަދި މިހިނގާ 2022 ވަނަ އަހަރަކީ އެމްޑަބްލިޔުއެސްސީގެ މުޅި ތާރީހުގައިވެސް އެއްފަހަރާ ފެނާއި ނަރުދަމާގެ އެންމެ ގިނަ މަޝްރޫއު ހިނގަމުންދާ އަހަރުކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝާހު ވިދާޅުވީ މާލޭގެ ފެނުގެ ސްޓޯރޭޖް ފުޅާކުރުމަކީ ކޮންމެހެން ކުރަން ޖެހިފައި އޮތް މަސައްކަތެއްކަމަށާއި މި މަސައްކަތް ކުރުމަށްޓަކައި 2020 ވަނަ އަހަރު ސަރުކާރުން ބިމެއް ހަމަޖައްސާދިފައިވާކަމަށެވެ. އަދި އެ ބިމުގައި 13000 ކިއުބިކް މީޓަރަށް ވުރެ ބޮޑު ދެ ތާނގި ބެހެއްޓުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަކަމަށް ޝާހު ވިދާޅުވިއެވެ. މީގެއިތުރުން 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މާލޭގެ ހުރިހާ ފެން މީޓަރުތަކެއް ބަދަލުކުރުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަކަމަށް ޝާހު ވިދާޅުވިއެވެ.

އެމްޑަބްލިޔުއެސްސީގެ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ. އަދި ރޭގެ ޖަލްސާގައި "ޗެއާރމަން އެވޯޑް ފޯރ އެކްސެލެންސީ" ލިބުނު މުވައްޒަފަށް އެމަނިކުފާނު ވަނީ އެވޯޑް ހަވާލުކޮށްދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު