ރާއްޖޭގެ ޖީޑީޕީ ނުވަތަ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ރާއްޖޭގެ ދަރަނި ދަށްވަމުންދާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.



ޓޫރިޒަމާއިބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާއެކު ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ ވިދާޅުވީ މިހާރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމާއި އާމްދަނީ އިތުރުވަމުންދާކަމަށެވެ. އަދި އެކަމާއި ގުޅިގެން ދަރަނި ނަގާ މިންވަރު ދަށްވެ، ޖީޑީޕީގެ ނިސްބަތުން ދަރަނި ދަނީ ދަށަށްކަމަށް މިިނިސްޓަރ ވިދާޅުވިއެވެ.

"ދަރަނި ނަގާ މިންވަރު ދަށްވަމުން ދިޔުމާއެކު، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި މިދަނީ ދަށްވަމުން. ދަރަނި ނުދެއްކުމުގެ އެއްވެސް ރިސްކެއް ނެތް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދަރަނި ދެއްކުމުގައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަމަށެވެ. އަދި ރާއްޖޭގެ ދަރަނި ދެން އެންމެ ބޮޑަށް އުފުލިގެންދާނީ 2026 ވަނަ އަހަރުކަމަށާއި އެހާތަނަށްވެސް ދަރަނި މެނޭޖްކުރުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ނަމަވެސް ކައިރި މުސްތަޤްބަލުގައި ވެސް ރާއްޖެއަށް ދަރަނި ދެއްކުމުގައި އެއްވެސް ބިރެއް ނެތްކަމަށް އަމީރު ވިދާޅުވިއެވެ.

ދަރަނި ދެއްކުމާއި ގުޅޭގޮތުން މިނިސްޓަރ ވާހަކަ ދައްކަވާފައި މިވަނީ ރާއްޖެއިން ނަގާފައިވާ ލޯނުތައް އަނބުރާ ނުދެއްކޭނެފަދަ ހާލަތަކަށް ގޮސްދާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް ސަރުކާރުން ޤަބޫލުކުރާ ގޮތުގައި ދަރަނި ނުދެއްކިދާނެކަމުގެ އެއްވެސް ބިރެއް ރާއްޖެއަށް ނެތެވެ.



ކިޔުންތެރިންގެ ހިޔާލު