މަހާނަތަކުގެ މަތީގައި ރޭނުމާއި ޒީނަތްތެރިކުރުން ހުއްޓުވަން އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބުނީ މިހާރަކަށް އައިސް ބައެއް ގަބުރުސްތާނުތަކުގެ މަހާނަތައް ޒީނަތްތެރިކޮށް މަހާނަތަކުގައި ގާފޮޅު ޖެހުމާއި ރާނާ ހަދާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.

އަދި ގަބުރުސްތާނަކީ އިސްލާމީ ޝަރީއަތުގައި ވަރަށް ބޮޑަށް ޙުރުމަތްތެރި ކުރައްވާފައިވާ ތަނެއް ކަމަށާއި އަދި މަހާނަތަކަށް އިހުމާލުވެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް އަމަލެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.

ޒީނަތްތެރިކުރުމުގެ ގޮތުން މަހާނަމަތީ ރާނާ ހެދުމަކީ ވެސް އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

"މަހާނަތައް ޒީނަތްތެރި ކުރުމުގެ ނިޔަތުގައި އިސްލާމް ދީނުގެ އުސޫލުތަކާ ހިލާފަށް އާ ސަހަރާގެ ގަބުރުސްތާނުގައި މަހާނަތައް މަތީ ރާނާ ހަދަމުންދާތީ މިކަން ހުއްޓުވައި ދެއްވުން އެދި ދަންނަވަމެވެ." އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.

މިނިސްޓްރީން ސިޓީ ކައުންސިލަށް މިގޮތަށް އަންގާފައި މިވަނީ، މާލޭގެ ބައެއް ސަހާރާތަކުގައި ބޮޑުއަގު ދީގެން މަހާނަތައް ކައިރީ ރާނާ މުށިޖަހާ ހަދަމުންދާތީ އެކަން މީސްމީޑިއާގައި ދައުރުވަމުން ދަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު