ޓެނިސް އެސޯސިއޭޝަނަށާއި ޓެނިސް ކުޅޭ ކުޅުންތެރިންނަށް ދިމާވެފައިވާ ދަތިތަކަށް ޙައްލުހޯދުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް، މިހެން ވިދާޅުވީ ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންނާއި ބައެއް ޖޫނިއަރ ޓެނިސް ކުޅުންތެރިންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެެވެ.



މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސާލިޙު ވަނީ ޖޫނިއަރ ޓެނިސް ކުޅުންތެރިން އެކިއެކި މުބާރާތްތަކުގައި ދައްކަމުންދާ މޮޅު ކުޅުން ފާހަގަކުރައްވާފައެވެ. އަދި އެ މުބާރާތްތަކުގައި ކުޅުންތެރިން ހޯދާފައިވާ ފަޚުރުވެރި ވަނަތަކަށްޓަކައި އެ މަނިކުފާނު ވަނީ އެ ކުޅުންތެރިންނަށް މަރުހަބާ ވިދާޅުވެ އިތުރަށް ކުރިއަށް ދިއުމަށް ހިތްވަރުދެއްވާފައެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި ކުޅުންތެރިން މިހާ ޅައުމުރެއްގައި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދީ މިފަދަ މަތީ ވަނަތަކަށް ވާޞިލްވުމުގައި އެ ކުޅުންތެރިންގެ މައިންބަފައިން އަދާކުރައްވާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުވާލައްވާ، އެކަމަށްޓަކައި އެ ފަރާތްތަކަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބޭފުޅުން ވަނީ ރާއްޖޭގައި ޓެނިސް ކުރިއެރުވުމަށް ހުރި ހުރަސްތައް ފާހަގަކުރައްވާ އެކަންކަމަށް ޙައްލު ހޯދުމަށްޓަކައި އެސޯސިއޭޝަންގެ ފަރާތުން ކުރައްވަމުންގެންދަވާ މަސައްކަތުގެ މަޢުލޫމާތު ރައީސް އާއި ހިއްސާކުރައްވާފައެވެ. އަދި ޓެނިސް ކުރިއެރުވުމަށް ހުރި ބައެއް ގޮންޖެހުންތައް ފާހަގަކުރައްވާ އެކަންކަމުގެ މަޢުލޫމާތު އެ އެސޯސިއޭޝަނުން ވަނީ ރައީސް އާއި ހިއްސާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު