ފޮޓޯ: ސަން
ފޮޓޯ: ސަން
ފޯބްސް މެގަޒިނުން ހޮވި އޭޝިއާގެ އެންމެ ޒުވާން އޮންޓަޕްރިނިއަރުން ނުވަތަ ވިޔަފާރިވެރިންގެ ލިސްޓުގައި ޑރ. މިނާހް ފާއިޒް ރަޝާދު ހިމެނިއްޖެއެވެ.

މިއަހަރުގެ ފޯބްސް އޭޝިއާގެ ގަދަ 30 ހޮވާފައިވަނީ ދިހަ ކެޓަގަރީއަކުން ޖުމުލަ 4000 އަށްވުރެ ގިނަ ބައިވެރިންގެ ތެރެއިންނެވެ. ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ، ދަ އާޓް، އެންޓަޓައިނަމަންޓް އެންޑް ސްޕޯޓްސް، ފައިނޭންސް އެންޑް ވެންޗާ ކެޕިޓަލް، މީޑިއާ މާކެޓިން އެންޑް އެޑްވަޓައިސިން ރީޓެއިލް އެންޑް އީކޮމާސް، އެންޓަޕްރައިޒް ޓެކްނޮލޮޖީ، އިންޑަސްޓްރީ މެނުފެކްޗަރިން އެންޑް އިންޑަސްޓްރީ، ހެލްތު ކެއާ އެންޑް ސައިންސް، ސޯޝަލް އިމްޕެންޓް އަދި ކޮންސިއުމާ ޓެކްނޮލޮޖީއެވެ. ފޯބްސް އިން އާންމުކުރި އޭޝިޔާގެ "30 އަންޑަ 30" ގެ ލިސްޓްގައި ޑރ. މިނާހް ހިމެނުނީ ސޯޝަލް އިމްޕެންޓް ބައިންނެވެ.

ފޯބްސްއިން ބުނީ، "މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް" ގެ ނަމުގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާމެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލާ އެމަސައްކަތްތެރިންގެ ހައްގުތައް ހޯދައިދިނުމަށް މިނާހު މަސައްކަތް ކުރައްވާފައިވާކަމަށެވެ. އެގޮތުން ބިދޭސީންނަށް ޑޮކްޓަރަށް ދެއްކުމާއި ބޭސް ފަރުވާގެ ކަންކަން ހިލޭ ކޮށްދެއްވާފައިވާ ކަމަށާއި، އެނޫންވެސް އެކި ދާއިރާތަކުން އެކަމާއި ގުޅޭގޮތުން ކުރަށްވާފައިވާ މަސައްކަތްތައް ފާހަގަ ކޮށްފައިވެއެވެ.

ޑރ. މިނާހަށް މީގެ ކުރިންވަނީ މަޝްހޫރު އެކި އެވޯޑުތައް ލިބިފައެވެ. އެގޮތުން މަޝްހޫރު ވައިޑަންފެލްޑް-ހޮފްމަން ލީޑާޝިޕް ސްކޮލަޝިޕް އެވޯޑާއި ބައިނަލްއަގުވާމީ ޒުވާނުންގެ ކޮމިޓީގެ ގައުމީ ޒުވާނުންގެ އައިކޮން އެވޯޑް 2019 ވަނަ އަހަރު އޭނާއަށް ވަނީ ދީފައެވެ. އެ އެވޯޑު ދީފައިވަނީ އިންސާނީ ހިދުމަތަށް މިނާހު ކޮށްދެމުންދާ ހިދުމަތުގެ އަގުވަޒަން ކުރުމަށެވެ.

ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސްގެ ބޯޑުގައި ހިމެނޭ އެގްޒެކެޓިވް ޔޫތު މެންބަރުގެ އިތުރުން މޯލްޑިވްސް އެންސީޑީ އެލަޔަންސްގެ މަގާމާއި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ހެލްތު ޕްރޮމޯޝަން ކޯޑިނޭޓަރުގެ މަގާމުވެސް ޑރ. މިނާހް ފުރުއްވިއެވެ. އިންސާނީ އެހީތެރިކަމުގެ މަސައްކަތުގެ އިތުރުން ޑރ. މިނާހް ވަނީ ޑަބްލިޔުއެޗްއޯގެ ނޭޝަނަލް ކޮންސަލްޓަންޓުގެ އިތުރުން ނޭޝަނަލް މައިގްރޭޝަން ހެލްތު ޕޮލިސީ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެން އައިއޯއެމްގެ މަގާމުވެސް އަދާކުރައްވާފައެވެ.

ޑރ. މިނާހް މިހާރު ގެންދަވަނީ އިނގިރޭސިވިލާތުގެ އާންސްޓް އެންޑް ޔަންގްގައި ސީނިއާ ގްލޯބަލް ހެލްތު ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.

ފޯބްސް އިން ބުނެފައި ވަނީ ގަދަ 30 ގައި ހިމެނިފައިވާ ޒުވާނުންނަކީ އެމީހުންގެ ހިޔާލާއި ހުނަރު ބޭނުންކޮށްގެން ދުނިޔެއަށް މިވަގުތު ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިދެމުން އަންނަ ޒުވާނުން ކަމަށެވެ.

ފޯބްސް މެގަޒިނުން ހޮވި އޭޝިއާގެ އެންމެ ޒުވާން ވިޔަފާރިވެރިންގެ ލިސްޓުގައި މީގެ ކުރިންވެސް ރާއްޖޭގެ ދެ ފަރާތެއް ހިމެނުނެވެ. އެއީ މުޙައްމަދު އަފްޒަލް (އަޕޯ) އާއި ސަފާތު އަހްމަދު ޒާހިރެވެ.



ކިޔުންތެރިންގެ ހިޔާލު