ބާރ ކައުންސިލްގެ މެންބަރުން
ބާރ ކައުންސިލްގެ މެންބަރުން
ބާރ ކައުންސިލް އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ބާރ ކައުންސިލްގެ ދައުރު ހަމަވާތީ އަންނަ ޖޫން މަހު އިންތިޚާބު ބާއްވަން އިންތިޚާބާ ބެހޭ ކޮމިޓީންވަނީ ނިންމާފައެވެ. އެ އިންތިޚާބުގައި ވޯޓްލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 29ގެ ނިޔަލަށް އިތުރު ކުރުމަށް އިންތިޚާބާބެހޭ ކޮމިޓީންވަނީ ނިންމާފައެވެ. ބާރ ކައުންސިލުން ބުނީ، އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ކުންފުނީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓު" މެދުވެރިކޮށް ކަމަށެވެ.

އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ޤާނޫނީ ވަކީލުންގެ ތެރެއިން ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކުން، ރަޖިސްޓްރީވުމަށްޓަކައި ކަނޑައެޅިފައިވާ ފޯމް މެދުވެރިކޮށް، 29 މޭވާ އާދިއްތަ ދުވަހުގެ 23:59 އާ ހަމައަށް ބާރ ކައުންސިލުގައި ރަޖިސްޓަރކުރަން އިންތިޚާބާބެހޭ ކޮމިޓީން ވަނީ އެދިފައެވެ.

ގާނޫނީ ވަކީލުންނާބެހޭ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް، 2019 ވަނަ އަހަރު އިންތިޚާބުކުރި ފުރަތަމަ ބާރ ކައުންސިލްގެ ރައީސާއި ނައިބު ރައީސާއި އެގްޒެކެޓިވް ކޮމެޓީގެ މެމްބަރުންގެ ދައުރު ހަމަވާނީ އަންނަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. ބާރ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ މަގާމުތަކުގެ އިންތިޚާބު އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.

ބާރ ކައުންސިލްގެ މަގާމުތަކުގެ ތެރެއިން އެންމެ ވާދަވެރި، ކައުންސިލްގެ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމުގެ ޝަރުތުތައްވެސް އިއުލާންގައި ވަނީ ބަޔާންކޮށްފައެވެ. އެ ޝަރުތުތަކުގެ ތެރޭގައި ގާނޫނީ ވަކީލު ކަމުގައި މަދުވެގެން 10 އަހަރުގެ ތަޖްރިބާ ހުރުން ހިމެނެއެެވެ. އެ ކައުންސިލްގެ މިހާރުގެ ރައީސަކީ މައުމޫން ހަމީދެވެ. ނައިބު ރައީސަކީ ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ.

މީގެ އިތުރުން އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު ކަމުގެ ހަ މަގާމަށް ކުރިމަތިލުމަށް ވަކީލު ކަމުގެ ފަސް އަހަރުގެ ތަޖްރިބާ ހުންނަންޖެހެއެވެ. އެ ކޮމެޓީގައި ހިމެނޭ ބަންޑާރަ ނައިބަކީ އިންތިޚާބަކާ ނުލައި، މަގާމުގެ ހައިސިއްޔަތުން ހިމެނިވަޑައިގަންނަވާ ބޭފުޅެކެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން