ސަރުކާރުގެ މައި ފެންކުންފުނި، އެމްޑަބްލިއުއެސްސީން ފެނާއި ނަރުދަމާގެ ސާމާނު ވިއްކަން ތައްޔާރުވަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

އެމްޑަބްލިއުއެސްސީއަށް 27 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ، އުފެއްދުންތެރިކަމާއެކު ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާގެ ސާމާނު ވިއްކުމަށް ކުންފުނި މިހާރު ތައްތާރުވެފައިވާކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ އެ ކުންފުނިން އުފައްދާ ޕީވީސީ ހޮޅިއާއި ފިޓިންގްސް އިތުރަށް މާކެޓްކުރުމަށް މާލޭގެ ހާޑްވެއަރ ފިހާރަތަކާއިއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެމަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ޝާހު ފާހަގަކުރެއްވިއެވެ.

"މިއާއިއެކު ކުންފުނީގެ ޝޯރޫމް އިތުރަށް މުއްސަނދި ކުރުމަށް އަމާޒު ހިފިއްޖެ. ފެނާއި ނަރުދަމާއަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތަކުގެ ވިޔަފާރިއަށް ވަނުމުގެ އިދާރީ މަސައްކަތް ދަނީ ހިނގަމުން." ޝާހު ވިދާޅުވިއެވެ.

މީގެއިތުރުން ފެންކުންފުނިން މިހާރު ވަނީ ބިއްލޫރި ފުޅީގައި ތާޒާ ފެން އުފެއްދުމަށް ތައްޔާރުވެފައެވެ. ޝާހު ވިދާޅުވީ އެކަމާ ގުޅުން ހުރި ހުރިހާ އަމަލީ މަސައްކަތްތައް ނިމި ބިއްލޫރި ފުޅީގައި ތާޒާ ފެން އުފަންދައި ވަރަށް އަވަހަށް މާކެޓަށް ނެރޭނެ ކަމަށެވެ.

އެމްޑަބްލިޔުއެސްސީގެ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ، އެކުންފުނިން މިދިޔަ އަހަރު ފެށި ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއެކު ޖުމްލަ 31 މަޝްރޫއެއްގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާކަމަށެވެ. އޭގެތެރެއިން ހަތަރު މަޝްރޫއެއް ނިމިފައިވާކަމަށާއި މިއަހަރު ނިމުމުގެ ކުރިން 20 މަޝްރޫއެއްގެ މަސައްކަތް ނިންމާލުމަކީ އެ ކުންފުނީގެ އަމާޒެއްކަމަށްވެސް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ މީގެ 27 އަހަރުކުރިން އެމްޑަބްލިޔުއެސްސީ އުފެދިގެން އައިރު ހިދުމަތްދިނީ ހަމައެކަނި މާލެއަށްކަމަށާއި، ނަމަވެސް އެކަން ބަދަލުވެ އަތޮޅުތަކުގައި އެކުންފުނިން މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އަދި މިހިނގާ 2022 ވަނަ އަހަރަކީ އެމްޑަބްލިޔުއެސްސީގެ މުޅި ތާރީހުގައިވެސް އެއްފަހަރާ ފެނާއި ނަރުދަމާގެ އެންމެ ގިނަ މަޝްރޫއު ހިނގަމުންދާ އަހަރުކަން އޭނާ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު