ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމްގެ ގެކޮޅުގައި ދަމާފައިހުރި "އިންޑިއާ އައުޓު" ބެނާ ނެގުމަށް އެ ގެއަށް ވަނުމުގެ ކޯޓު އަމުރު ހޯދީ ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ، ރައީސް ޔާމީންގެ ގެކޮޅުގައި ނަގާފައިވާ ބެނާ ނެގުމަށް، އިންވެސްޓިގޭޝަން އޮފިސަރެއްގެ ލޮގިން ބޭނުންކޮށްގެން ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިއާޒު، ކޯޓު އަމުރަށް އެދުނުކަމަށް ބުނެ "ދިޔަރެސް" ނޫހުގައި ލިޔުނު ހަބަރަކާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އަމުރަށް އެދުމުގެ އުސޫލު ހަމަޖެހިފައި އޮންނަނީ އިންވެސްޓިގޭޝަން އޮފިސަރު އެދުމުން އެ އިންވެސްޓިގޭޝަން އޮފިސަރެއްގެ ސުޕަވައިޒަރު އެޕްރޫވް ކުރުމުން ކޯޓުއަމުރު ރިކުއެސްޓް ކޮމްޕިއުޓަރ ސިސްޓަމުން ޖެނެރޭޓުވާ ގޮތަށްކަމަށެވެ. އަދި މި މައްސަލާގައި ވެސް ކޯޓު އަމުރަށްއެދި ރިކުއެއްސްޓް ކޮށްފައިވަނީ އިންވެސްޓިގޭޝަން އޮފިސަރު ކަމަށާއި ރިކުއެސްޓް އެޕްރޫވް ކޮށްފައިވަނީ އޭނާގެ ސްޕަވައިޒަރު ކަމަށެވެ.

ފުހުން އިތުރަށް ބުނެފައި ވަނީ އެ ނޫހުގައި މައުލޫމާތު ޝާއިއުކޮށްފައިވަނީ ފުލުހުންގެ އިދާރާއިން މައުލޫމާތު ހޯދުމަށް ގެންގުޅޭ އާންމު އުސޫލާއެއްގޮތަށް މައުލޫމާތު ހޯދަން މަސައްކަތް ނުކޮށް ކަމަށެވެ.

ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައިވާ ބެނާ ނެގި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެބެނާ ނަގަން ހުއްދަ ހޯދި ގޮތާއި އެބެނާ ނެގި ސަބަބާއި އަދި އެފަދަ ހުއްދައަކަށް އެދުނީ ކޮން އުސޫލަކުން ކޮން ގާނޫނީ ހައިސިއްޔަތަކުންކަމާމެދު ހައިކޯޓުގެ ޝަރީއަތުގެ އަޑުއެހުމުގައި ވަނީ ފުލުހުންނަށް ގިނަ ސުވާލުތަކެއް އަމާޒުކޮށްފައެވެ. ފުލުހުންނަށް މިފަދަ ގިނަ ސުވާލުތަކަށް ޖަވާބު ދެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު