އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ، ދެއުޅިއެއްނުވާ ބޮޑު ސަކަރާތެއް ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގައި ގާއިމުވެ ތިބޭ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ހަރަކާތެެކެވެ. އެ ހަރަކާތުގެ ސަބަބުން ރާއްޖެ ބައިނަލްއަގްވާމީ މުޖްތަމައުގައި ބާކީ ވެދާނެ ކަމަށް ބުނެ، ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން "ބާކީ ނުވޭ" ގެ ނަމުގައި ކެމްޕެއިނެއް ފަށާފައިވާ މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ މި ހަރަކާތަކީ، ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ސަރުކާރުން ދިވެހިންނަށް ދިން އަނިޔާތައް ފޮރުވަން ކުރާ ކަމެއް ކަމަށެވެ.



"ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައިވާ ބޮޑެތި އަނިޔާއާއި ހިންގާފައިވާ ގާނޫނާ ހިލާފު އެތައް އެތައް ކަމެއް ރައްޔިތުންގެ ހަނދާނުން ފޮހެލުމަށް ގެންގުޅޭ އުކުޅަކީ "އިންޑިއާ އައުޓް" އޭ ކިޔައިގެން ޖަހަމުންދާ ދެއުޅިއެއްނުވާ ސަކަރާތް." ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ އެކަން މިހާރު ރާއްޖޭގެ ގިނަ ރައްޔިތުންނަށް އެނގި ސާފުވެފައި ވާކަމަށެވެ.

 "ބާކީ ނުވޭ" ނަމުގައި އެމްޑީޕީން އިންޑިއާއާއި އެއްކޮޅު ކެމްޕެއިނެއް ފަށާފައިވާއިރު އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ކުރައްވާ ޓުވީޓްތަކުގައި އެ ހޭސް ޓެގް މިހާރު އަންނަނީ ބޭނުންކުރަމުންނެެވެ. "ބާކީ ނުވޭ" ކެމްޕޭނާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ ސިޔާސީ ބޭނުމަކަށް ނުވަތަ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށްޓަކައިވެސް ދިވެހިން ބާކީ ނުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މިފަދަ ސިޔާސީ މަގުސަދު ހާސިލް ކުރުމަށް އިދިކޮޅު ކޯލިޝަނުން ކުރަމުން ގެންދާ ހަރަކާތްތައް ސިޔާސީ ވެރިން ވިސްނަވަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.  



ކިޔުންތެރިންގެ ހިޔާލު