ރައީސް ޞާލިޙް އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ
ރައީސް ޞާލިޙް އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތާއި ދެކޮޅަށް، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ފަށާފައިވާ "ބާކީނުވޭ" ކެމްޕޭންގެ އަޑު ގަދަކޮށްލައިފިއެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭ މައްސަލާގައި އިދިކޮޅުން އިންޑިއާ އައުޓުގެ ނަމުގައި ހަރަކާތެއް ހިންގާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބޭނުންކުރަންފެށި "ބާކީނުވޭ" ޝިއާރު މިހާރުދަނީ އެ ޕާޓީގެ އިސް ފަރާތްތަކާއި އާންމު މެންބަރުން ވެސް ބޭނުން ކުރަމުންނެވެ.



"ބާކީނުވޭ" ކެމްޕޭން ޕްރޮމޯޓު ކުރުމަށް އިންޑިއާގެ ދިދަ ރަމްޒު ކޮށްދޭ ގޮތަށް ހާއްސަ ލޯގޯއެއްވެސް މިހާރުވަނީ ފަރުމާ ކޮށްފައެވެ. އަދި ލޯގޯ ހިމެނޭހެން، ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ކޮށްދީފައިވާ ކަންކަން އެނގޭނެގޮތަށް އެކިކަހަލަ ފޮޓޯތައް ހަދައިގެން މިހާރުދަނީ މީސްމީޑިއާގައި ދައުރު ކުރަމުންނެވެ.

މި ކެމްޕޭން ވައިގާ ހިފާފައި މިވަނީ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، "ބާކީނުވޭ" ގެ ހޭޝްޓެގް ބޭނުން ކުރައްވަން ފެއްޓެވި ހިސާބުންނެވެ. މި ކެމްޕޭނާ ގުޅޭ ގޮތުން ރައީސް ނަޝީދު އިއްޔެ އެ މަނިކުފާނުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވިދާޅުވީ ސިޔާސީވެރިންގެ ސިޔާސީ ބޭނުމަކަށްޓަކައި ދިވެހިން ބާކީވެ ނިކަމެތިވާނެ ކަންކަން ނުކުރުމަށް ސިޔާސީ ވެރިން ވިސްނަން ވާނެ ކަމަށެވެ.



ރާއްޖޭގައި ޓްވިޓާގައި އެންމެ ހިނގާ ހޭޝްޓެގްގެ ތެރޭގައި މި ޓެގް މިހާރު ހިމެނިފައިވާއިރު، މިއަދުގެ މިހާތަނަށް 4800 އަށްވުރެ ގިނަ ޓްވީޓް މި ހޭޝްޓެގު ހިމަނައިގެން ކޮށްފައިވެއެވެ.

މި ޓެގް ބޭނުންކޮށްގެން ޓްވީޓްކުރި ފާހަގަކޮށްލެވޭ ބައެއް ބޭފުޅުންގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއާއި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދާއި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ޙަސަން ލަތީފު އަދި ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ޝިފާޒު ފާހަގަކޮށްލެވެއެވެ.

ރައީސް ޔާމިން ހިންގަވާ އިންޑިޔާ އައުޓް ކެމްޕޭނާއި ގުޅިގެން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ އެއީ ދައުލަތުގެ ތިޖޫރިއާއި ދުރުގައި ހުރުމަކީ ހިތަށް ކުޅަދާނަވާ ވަރުގެ ކަމަކަށްނުވުމުން ސަރުކާރު ބަލިކަށިކޮށް ފެއިލް ކޮށްލާނެ މަގެއް ނުފެނުމުން ހިންގާ ހަރަކާތެއް ކަމަށެވެ.

"ސަރުކާރު ބަލިކަށިކޮށް ފެއިލްކޮށްލާނެ މަގެއް ކޮށަން އުޅެ އުޅެ ނުފެނުމުން އަވައްޓެރި ގައުމަކާއި ޖައްސާލައި ފިތުނަކުރަނީ އެހެން ގައުމެއްގެ ތިޖޫރި އަށް އަތް ފޯރާތޯ." ނިހާދު ވިދާޅުވިއެވެ.

އެމްޑީޕީގެ ނާއިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ރާއްޖޭގެ ސަލާމަތަށް އޮތް އެންމެ ބޮޑު ޔަގީންކަމަކީ އިންޑިޔާ ކަމަށެވެ. އިންޑިޔާ އަކީ ހަތުރެއް ނޫން ކަމަށާއި މިތުރެއް ކަމަށް އޭނާ ވިދާޅުވިއެެވެ.

"ރައީސް ޔާމިންގެ އަމިއްލަ އެދުމެއްގެ ބޭނުމަށް އަމިއްލަ ޕާޓީގެ މެމްބަރުން ގުނބޯ ހައްދަން ހެއުނުވާނެ." ޝިފާޒް ވިދާޅުވިއެވެ.



މި ކެމްޕޭން ފެށިތާ ގިނަ ދުވަސްތަކެއް ނުވެ، ކުރީގެ ރައީސް ޔާމީން ވެސް ވަނީ އެ ކެމްޕޭނާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު މިއަދު ވިދާޅުވީ، ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ފަށާފައިވާ "ބާކީ ނުވޭ" ކެމްޕެއިން މިހާރުވެސް އޮތީ ކަފުންވެފައިކަމަށެވެ.



ރައީސް ޔާމިން ވިދާޅުވީ ދިވެހި ރާއްޖޭގައި މިހާރު އޮތް އިންޑިއާގެ ސިޔާސަތުތަކަށް ތާއީދު ކުރާ ދިވެހިން ނެތްކަން ފެންނަ މަންޒަރުތަކުން ޔަގީންވެވަޑައިގަންނަވާ ކަމަށެވެ. އަދި އެކަން އިންޑިއާއަށްވެސް މިހާރު އިހުސާސު ކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދާޅުވީ މިހާރު ފަށާފައިވާ "ބާކީ ނުވޭ" ކެމްޕެއިނު އޮތީ މިހާރުވެސް ކަފުނުގައި ކަމަށާއި، އިންޑިއާގެ ދިފާއުގައި ފެށި މި ހަރަކާތް މަރުވީ، އެ ހަރަކާތް ރަނގަޅަށް ފަށައިނުގަނެވިގެން އުޅެނިކޮށް ކަމަށެވެ.

އިންޑިއާއާއި އެއްކޮޅަށް އެމްޑީޕީ އިސްވެ ކެމްޕޭނެއް ފަށާފައި ވާއިރު، އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ގާނޫނާއި ހިލާފަށް ހިންގާ ހަރަކާތެއް ކަމަށާއި، އެ ހަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށްބުނެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މީގެ ކުރިން ވަނީ ގަރާރެއްވެސް ނެރުއްވާފައެވެ. އެ ގަރާރާއި އެކު އިދިކޮޅު ފަރާތްތަކުން ހިންގާ މި ހަރަކާތް ހުއްޓުވަން ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު