ފޮޓޯ: ދައުރު
ފޮޓޯ: ދައުރު
ސަސްޕެންޑުކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް އަލުން ވުޖޫދަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިރޭ އެ ކުލަބުގެ އައު ހިންގާ ކޮމެޓީއެއް އިންތިހާބުކޮށްފިއެވެ.

މިކަމަށްޓަކައި މިރޭ ކުރިޔަށް ގެންދިޔަ ހާއްސަ ބައްދަލުވުމެއްގައި އައު ހިންގާ ކޮމެޓީގެ ޗެއަރމަނަކަށް އިންތިހާބު ކޮށްފައިވަނީ ކުރިންވެސް ނިއުގެ ބޯޑު މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އިސްމާއީލް ވާސިފެވެ. ވާސިފަކީ ނިއުގެ ސަޕޯޓަރުންތަކެއް އިސްވެ އުފެއްދި ރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ ޗެއަރމަނަކަށް ވެސް ކުރިން އިންތިހާބުކުރި ބޭފުޅެކެވެ. ނަމަވެސް އޭއެފްސީގެ އެންގުމުގެ މަތިން ކަމަށް ބުނެ ފުޓުބޯޅަ އެސޯސިއޭޝަނުން ނިންމީ ރޭޑިއަންޓުގެ އެންމެހައި ކަންކަން މަޑު ޖައްސާލުމަށެވެ.

މިރޭގެ ޖަލްސާއަށްފަހު ވާސިފް ވިދާޅުވީ ނިއުގެ އާ ހިންގާ ކޮމިޓީގެ މަސައްކަތަކަށް ވާނީ ކްލަބުގެ ދަރަނިތައް ދައްކާނެ މަގެއް ހޯދައި، އެ ފައިސާ ދައްކައި ހަލާސްކުރުމަށް ފަހު ވީ އެންމެ އަވަހަކަށް ސަސްޕެންޝަނުން ސަލާމަތްވެ އަލުން ފުޓްބޯޅައިގައި ވާދަކުރަން ފަށަން ޓީމެއް އެކުލަވާލުން ކަމަށާއި އެ މަސައްކަތުގެ ތަފުސީލު މާލަސްތަކެއް ނުވެ ހާމަ ކުރައްވާނެކަމަށެވެ.

އަލަށް އިންތިހާބުކުރި ނިއުގެ ހިންގާ ކޮމެޓީގެ ވައިސް ޗެއަރމަނުންގެ ގޮތުގައި އިންތިހާބުކުރީ އިސްމާއީލް ރަޝީދާއި، ޒަހީނުއްދީން ސައީދެވެ. ކުލަބުގެ ހަޒާންދާރުގެ މަގާމަށް އިންތިހާބުކުރީ އަޙްމަދު ޙުސައިނެވެ. އަދި ސެކްރެޓަރީގެ މަގާމަށް އިންތިހާބުކުރީ ސާއިދު އަލީ ދީދީއެވެ.

ބޯޑު މެމްބަރުންގެ ގޮތުގައި ހަތަރު މެމްބަރުން އިންތިޚާބު ކުރިއެވެ. އެއީ ލުހައްޔު އާދަމް، މުހައްމަދު މާލިކް، މުހައްމަދު ޔޫސުފް އަދި އާސިމް ރިޒާއެވެ. އެމަގާމު ތަކަށް ބޭފުޅުން އިންތިޚާބުކުރީ ކްލަބްގެ މެންބަރުންގެ ތެރެއިން ހާޒިރުވެ ތިބި ހުރިހާ ބޭފުޅުންގެ އިއްތިފާގުންނެވެ.

މިރޭގެ ޖަލްސާގައި ނިއުގެ މުއައްސިސް އަޙްމަދު ވަހީދު (ކުއީން ވަހީދު) އާއި 1990ގެ ތެރޭގައި ކްލަބް ހިންގެވުމުގައި އިސްކޮށް އުޅުއްވި ކާމިނީޕޫލް ޙަސަން މަނިކު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދަރަނީގެ މައްސަލަ ތަކެއް ކުރިމަތިވެ އެފްއޭއެމުން ނިއު ސަސްޕެންޑް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ކުރީކޮޅެވެ. އޭގެފަހުން ފީފާ އިން ވެސް ވަނީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ކާމިޔާބު ކްލަބްތަކުގެ ތެރޭގައި ހިމެނޭ ނިއު ރޭޑިއަންޓް ކުޅިވަރުގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައެެވެ.

ނިއު ރޭޑިއަންޓުގެ ބޯޑަށް އާ މެމްބަރުން އިންތިޚާބު ކޮށްފައިމިވަނީ އެ ކުލަބުގެ ސަޕޯޓަރުން ތަކެއް އުފައްދައި ވުޖޫދުކުރަން އުޅުނު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް އޭއެފްސީ އާއި އެފްއޭއެމުން ހުރަސް އަޅައި އެކަން ހުއްޓުވާފައިވަނިކޮށެވެ. އެމަސައްކަތް ހުއްޓުވީ ރޭޑިއަންޓް ރަޖިސްޓްރީކޮށް އެ ކްލަބުން ކޯޗުންނާއި ކުޅުންތެރިން ހޯދައި ތިން ވަނަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވި ފަހުންނެވެެ. ސަބަބެއް ކަމަށް އެފްއޭއެމުން ބުނީ އެ ކްލަބަކީ ނިއުގެ ސަޕޯޓިން ސަކްސެސާއެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު