ގޭބީސީތަކުން ކުނި އުކުމަށް ތިމާވެއްޓާއި ރަށްޓެހި ކޮތަޅު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން، ވެމްކޯއިން ބުނެފިއެވެ.

ގޭބީސީތަކުން ކުނި އުކުމަށް ތިމާވެއްޓާއި ރަށްޓެހި ކޮތަޅު ރާއްޖެ ގެނައުމުގެ މަސައްކަތް ވެމްކޯއިން ފަށާފައި މިވަނީ އަންނަ މަހުން ފެށިގެން ގޭބީސީތަކުން އުކާލާ ކުނި އެކި ބައިބަޔަށް ވަކިކޮށްގެން ނެރުމަށް ކަނޑައެޅުމަށް ފަހުއެވެ. އެގޮތަށް އެކަން ކުރާކަމުގައިވާނަމަ ޕްލާސްޓިކް ކޮތަޅު އިތުރުވާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ވެމްކޯއިން ބުނީ ކުނި އުކާލުމުގައި ބޭނުންކުރާ ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ގޮތުން، ތިމާވެއްޓާ ރައްޓެހި "ސްޓާޗް ކޮތަޅު" ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް ވެމްކޯއިން އަދި ނުދެއެވެ. އަދި ތިމާވެއްޓާ ރައްޓެހި ކޮތަޅާ ތައާރަފް ކުރާނީ ކޮން އިރަކު ކަމެއްވެސް ވެމްކޯއިން ހާމައެއް ނުކުރެއެވެ.

ވެމްކޯއިން ބުނީ ސްޓާޗް ކޮތަޅަކީ 3 މަސް ދުވަހުގެ ތެރޭގައި ނެތިފަތާނެވެގެން ދާނެ ފަދަ ގޮތަކަށް، އުފައްދާފައިވާ ކޮތަޅެއްކަމަށެވެ.

ވެމްކޯއިން ބުނީ އަންނަ މަހުންފެށިގެން މާލެ ސަޙައްދުގެ ގޭބިސީތަކުން އުފައްދާ ކުނި ވަކިކުރުމަށްފަހު ނެރެން އެންގިނަމަވެސް ޚިދުމަތަށް ނަގާ ފީއަށް ބަދަލު ނާންނާނެކަމަށެވެ.

ވެމްކޯގައި ރަޖިސްޓްރީ ކޮށްގެން ޚިދުމަތް ހޯދާ ގޭބިސީތަކުން މަހެއްގެ މައްޗަށް ނަގަނީ 150 ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު