ލޯކަލް ކައުންސިލްތަކުން ތައްޔާރު ކުރާ ތަރައްގީގެ ޕްލޭނާއި ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން ނުވަތަ ލޭންޑް ޔޫޒް ޕްލޭން ހެދުމަށް އޮތް ދަތިތައް ފިލުވަން ގާނޫނު އިސްލާހު ކުރަން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ އއ. އުކުޅަހުގައި މިއަދު ފެށި "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ލޭންޑް ޔޫސް ޕްލޭން ހެދުމާ ގުޅޭ ގޮތުން ބޭއްވި ޝެޝަންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ސާލިޙު ވިދާޅުވީ ޕްލޭން ނުހެދިގެން އުޅެނީ ގާނޫނީ މައްސަލަތަކެއް ހުރުމުންކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

އެހެންކަމުން އެކަންކަން ހައްލުކުރުމަށް ގާނޫނީ ބަދަލުތައް ސަރުކާރުން ގެންނާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ޕްލޭންތައް ހެދުމުގައި ޕްލޭނިން މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ.

މި ޝެޝަންގައި ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ޕްލޭން ހެދުމާ ގުޅޭ ގޮތުން އޮތް ދަތިތައް ފިލުވުމަށް އޮތީ ކުރަން ޖެހޭ ދެ ކަމެއް ކަމަށެވެ. ފުރަތަމަ ކަމަކީ، ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން ކަމަށާއި ދެން އޮތީ ގާނޫނު މާނަކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން ރަށު ކައުންސިލްތަކުން ހަދަންޖެހޭ ޕްލޭންތައް ފާސްނުވެ އެކަން ވަނީ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައެވެ. އެކަމުގެ ސަބަބުން ރަށްރަށުގައި އާ މަޝްރޫއުތައް ހިންގާނެ ބިން ހޯދުމަށް ވެސް ވަރަށް ބޮޑަށް ވަނީ ދަތިވެފައެވެ.

މިހާތަނަށް ގާނޫނުގައިވާ ގޮތަށް ހަތް ރަށެއްގެ ޕްލޭން ވަނީ ފާސްކޮށްފައެެވެ. މިހާތަނަށް 55 ރަށަކުން ޕްލޭން ހަދާފައިވީ ނަމަވެސް، އޭގައި މައްސަލަތައް ހުރުމުން ފާސްކުރެވޭ ގޮތެެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު