ބައިނަލްއަގުވާމީ ހަބަރުތައް ގެނެސްދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ވިއޯން ނޫހުގެ މައި އިދާރާއަށް ދިވެހި ނޫސްވެރިން ޒިޔާރަތްކޮށްފިއެވެ.

އިންޑިއާ ހައިކޮމިޝަނުގެ އެހީގައި ދިވެހި 19 ނޫސްވެރިއަކު އިންޑިއާއަށް މިހާރު ކުރަމުންދާ ފެމިލިއަރައިޒޭޝަން ދަތުރުގައި ބައިނަލްއަގުވާމީ ހަބަރުތައް ގެނެސްދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ވިއޯން ނޫހުގެ މައި އިދާރާއަށް މިއަދު ކުރި މިޒިޔާރަތުގައި، ބައިނަލްއަގުވާމީ ނޫސްވެރިކަމުގައި ވިއޯން ނޫހުގެ ހިންގުންތެރިކަމާއި، މަސައްކަތްތައް ވަނީ ދައްކާލާފައެވެ. އަދި މިޒިޔާރަތުގައި ދިވެހި ނޫސްވެރިން ވަނީ ވިއޯން ނޫހުގައި މަސައްކަތްކުރާ ތަޖުރިބާކާރު ނޫސްވެރިންނާއި، ޕްރޮޑިއުސަރުންނާއި، އެޑިޓަރުންނާއި ބައްދަލުކޮށް މަސައްކަތުގެ އެކި މައުލޫމާތު ބަދަލުކޮށްފައެވެ.

މީގެއިތުރުން ދިވެހި ނޫސްވެރިންނަށް މަސައްކަތުގެ ހުނަރު އިތުރުކުރުމަށް ދިވެހި ނޫސްވެރިންނާއި ވިއޯން ނޫހާއި ގުޅިގެން ކުރިއަށްގެންދެވިދާނެ ހަރަކާތްތަކާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.



ބައިނަލް އަގުވާމީ ނޫސްވެރިކަމުގައި އިސްދައުރެއް އަދާ ކުރާ ވިއޯން ނޫހުގެ މައި އޮފީސް ގާއިމުކުރެވިފައިހުންނަނީ އިންޑިއާގެ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ނޮއިޑާ ސިޓީގައެވެ. ވިއޯން ނޫހުގެ ހަބަރުތައް ޓީވީ، އަދި ޔޫޓިއުބް ޗެނަލުން ލައިވް ކުރާއިރު، މީސް މީޑިއާ އަދި ވިއޯން ގެ ވެބްސައިޓް މެދުވެރިކޮށްވެސް ލައިވް ހަބަރުތައް ދަނީ އާންމު ކުރަމުންނެވެ.

ހާމަކަން ބޮޑުގޮތެއްގައި މިނިވަން ކަމާއެކު ބައިނަލްއަގުވާމީ ހަބަރުތައް ގެނެސް ދިނުމުގައި ހަރަކާތްތެރިވާ ވިއޯނުން ދިވެހިރާއްޖޭގެ މުހިންމު ހަބަރުތައްވެސް ދުނިޔެއަށް ފޯރުކޮށްދޭކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު