ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ފަނޑިޔާރަކަށް އިންޒާރު ދެއްވިކަމަށް ބުނާ މައްސަލަައެއް ތަހުޤީޤްކޮށްދެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ފުލުސް އޮފީހަށް ހުށަހަޅައިފިއެވެ.

ޖޭއެސްސީން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކީ މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ކެމްޕެއިންގައި މިމަހުގެ 10 ވަނަ ދުވަހު ވިލިމާލޭގައި ބޭއްވި ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅާއި ގުޅިގެނެވެ.

އެ ޖަލްސާގައި ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓަށާއި ފަނޑިޔާރު އަލީ ރަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އަލީ ރަޝީދަށް ލިބިވަޑައިގެންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަކީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކުރަން ކެރިވަޑައިގަތުމުން ލިބިވަޑައިގަތް މަގާމެއް ކަމަށް ވިދާޅުވެފައެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޖޭއެސްސީގެ އޮފިޝަލަކު ވިދާޅުވީ ފަނޑިޔާރަކަށް ނުވަތަ ޝަރީއަތަކާ ގުޅިގެން އެއްވެސް ފަރާތަކުން އިންޒާރެއް ދީފި ނަމަ އެކަން ފުލުހުންގެ ސަމާލުކަމަށް ގެންނަ ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ހަފުތާގައިކަމަށް އޭނާ ވިދާޅުވިއެވެ.

ޖޭއެސްސީން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އަލީ ރަޝީދުގެ ސަލާމަަތީ ކަންކަމަށް ސަމާލުވުމަށާއި، ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ޖިނާއީ މައްސަލައެއް ހިމެނޭނަމަ އެ ތަހުގީގުކުރިއަށް ގެންދިޔުމަށެވެ.

ފުލުހުން ވަނީ މިމައްސަލަ ހުށަހަޅާފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި މިކަމާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުނެފައި ވެއެވެ.

ވިލިމާލޭގައި ދެއްކެވި ވާހަކަފުޅުގައި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން، ސިފައިންނާއި ފުލުހުންގެ އިސްވެރިންނަށްވެސް ރައީސް ޔާމީން ފާޑު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ޕޯޑިއަމް ތަކުގައި ފަނޑިޔާރުންނަށާއި ސަލާމަތީ ބާރުތަކަށް ފާޑުކިއުމަކީ ސިޔާސީ ބޭފުޅުންގެ ވަރަށް އާންމު ސިފަފުޅެކެވެ. އެގޮތުން ރައީސް ޔާމިންގެ ވެރިކަމުގައި އެފަދަ ސިޔާސީ ޕޯޑިއަމެއްގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން އެމަނިކުފާނުގެ މައްސަލަ ތަހުގީގުކޮށް ޝަރީޢަތްކޮށް ހުކުމް ވެސް އިއްވާފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު