ރަށްރަށުގެ ކައުންސިލްތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށްޓަކައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޮފީސް ޢިމާރާތެއް އެޅުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ވަނީ އެ ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުމަށް ޖާގަ ނުލިބޭކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ކަންބޮޑުވުމާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރަށްރަށުގައި ސަރުކާރުގެ އިދާރާތައް ހިންގުމަށް އޮތް ޖާގައިގެ ދަތިކަމަކީ ބޮޑު މައްސަލައެއްކަމަށާއި، ރަށްރަށުގައި ހުރި ކައުންސިލް އިދާރާތަކަކީ 40 ނުވަތަ 50 އަށް އަހަރުވެފައިވާ ޢިމާރާތްތަކެއްކަމަށެެވެ. އަދި ކައުންސިލްތަކުގައި ޖާގަ އޮތް މިންވަރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް މަސައްކަތް ކުރެއްވުމަށް ޖާގަ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ރަށްރަށުގައި އިދާރީ މަސައްކަތްތައް ކުރުމަށް ހުރި ޖާގައިގެ ދަތިކަން ހައްލުކުރުމަށް ރަށްރަށުގައި އޮފީސް އިމާރާތްތަކެއް ބިނާކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އެ ޢިމާރާތްތަކުގައި ކައުންސިލްގެ މަސައްކަތާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސައްކަތްކުރުމަށާއި، މެޖިސްޓްރޭޓް ކޯޓުތަކަށާއި، ބޭންކުފަދަ ޚިދުމަތްތަކަށްވެސް އެ ޢިމާރާތުން ޖާގަ ދެވި ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކައުންސިލްތައް އިމާރާތްކުރުމަށް ކޮންމެ ރަށެއްގައި އޮފީސް އިމާރާތެއް އަޅާއިރު ކައުންސިލާ، ޑަބްލިއުޑީސީއަށްވެސް ޖާގަ އޮންނާނެ. ކޮންމެ ރަށެއްގައި އޮފީސް އިމާރާތް އެޅުމުން ކޯޓުތަކަށްވެސް ޖާގަ އޮންނާނެ. ބޭންކު އަންނަންވިޔަސް ޖާގަ އޮންނާނެ." ރައީސް ވިދާޅުވިއެވެ.

2 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ވިއަވަތި ކޮންފަރެންސް މިއަދު ވަނީ ނިންމާލާފައެވެ.

މި ކޮންފަރެންސްގެ މައިގަނޑު އެއް މަޤްޞަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަޤީޤީ މަންފާ ސިޓީތަކާއި އަތޮޅުތަކާއި ރަށްތަކުގެ ރައްޔިތުންނަށް ލިބިގެންދާގޮތަށް އެ ނިޒާމު ބައްޓަންކުރެއްވުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ގެނައި އިސްލާޙްތަކާއެކު ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޒުކުރުމުގެ ކަންކަން ކުރިޔަށްދާގޮތް ގާތުން ބެއްލެވުމާއި އަދި ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލުހޯދުމުގެ ގޮތުން ކައުންސިލަރުންނަށް ރައީސުލްޖުމްހޫރިއްޔާއާއި އަދި ކަމާބެހޭ ވަޒީރުންނާއި މަޝްވަރާކުރައްވައި ޙައްލުތައް ހޯއްދެވުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީވެސް މި ކޮންފަރެންސްގެ މުހިންމު ބޭނުމެކެވެ.



ކިޔުންތެރިންގެ ހިޔާލު