ވިލިމާލޭ ހޮސްޕިޓަލުން މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ކުޑަކުދިންނަށް ދިން މައްސަލާގައި އެ ހޮސްޕިޓަލުގެ މުވައްޒަފުންތަކެއް ސަސްޕެންޑުކޮށްފިއެވެ.

އައިޖީއެމްއެޗުން ބުނީ އެ މައްސަލައާ ގުޅުން ހުރި މުވައްޒަފުންތަކެއް ސަސްޕެންޑުކޮށްފައިވާކަމަށެވެ. ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ނުދެއެވެ. އަދި ސަސްޕެންޑުކުރީ ކިތައް މުއައްޒަފުންކަންވެސް ނުބުނެއެވެ.

މުއްދަތު ހަމަވެފައިވާ ވެކްސިނެއް ވިލިމާލޭ ކުޑަކުދިންނަށް ދިން ކަމުގެ ތުހުމަތެއް ފެންމަތިވެ އެ ހޮސްޕިޓަލުން ވެކްސިން ޖެހުން ހުއްޓާލައި އެމައްސަލަ ބަލަމުންދާ ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ވަނީ ހާމަކޮށްފައެވެ.

އައިޖީއެމްއެޗުން ބުނީ މުއްދަތު ހަމަވެފައިވާ ވެކްސިން އެ ހޮސްޕިޓަލުން ދިން މައްސަލައެއް އައިޖީއެމްއެޗްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާއިރު އެ މައްސަލަ އައިޖީއެމް ހޮސްޕިޓަލާ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެއެވެ. އަދި އެ މައްސަލައިގައި އިހުމާލުވާ މީހުންނާމެދު ފިޔަވަޅުއަޅާނެ ކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލުން ބުންޏެެވެ.

މީގެއިތުރުން އެފަދަ ކަމެއް ކުރިމަގުގައި ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން އައިޖީއެމްއެޗުން ވަނީ ރައްޔިތުންނަށް ދީފައެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފެންމަތި ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ. އުޝާމް ވިދާޅުވީ، ވިލިމާލޭ ހޮސްޕިޓަލުގައި، ދުވަސް ހަމަވެފައިވާ ވެކްސިނެއް ކުޑަކުދިންތަކަކަށް ދީފައިވާ ކަމުގެ ޝަކުވާ ވިލިމާލޭގެ ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާ މިކަން ހިނގާފައިވާ ގޮތެއް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށް އުޝާމް ވިދާޅުވިއެވެ.

މުއްދަތުހަމަވެފައިވާ ވެކްސިންގެ އާންމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުން، ފެބްރުއަރީ 2020 ގައި އުފެއްދި އެ ވެކްސިން މިދިޔަ ޖެނުއަރީ އެކެއްގައި ވަނީ މުއްދަތު ހަމަވެފައެވެ. މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި ކަމަށް ބުނާ މައްސަލަ ހެލްތް މިނިސްޓްރީންވެސް މިހާރު ވަނީ ބަލަން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު