ޔާމީންގެ ގެކޮޅުގައި ދެމި އިންޑިއާ އައުޓް ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ގާނޫނާއި ހިލާފު ބާތިލު އަމުރެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައިފިއެވެ.

ހައިކޯޓުން މިގޮތަށް ކަނޑައަޅާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ހ. ދޫވެހީގައި ދަމާފައިހުރި "އިންޑިއާ އައުޓް" ބެނާ ނަގަން ކޯޓުން ދިން އަމުރު ބާތިލްކުރުމަށް ހުށަހެޅި މައްސަލައިގައި މިއަދު އިއްވެވި ހުކުމްގައެވެ.

މިމައްސަލައިގައި ހައިކޯޓުން އިއްވި ހުކުމުގައި ވިދާޅުވީ، ރައީސް ޔާމީންގެ ގެކޮޅުގައި ދެމި ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ގާނޫނާ ހިލާފަށް، ކޯޓުން އެފަދަ އަމުރެއް ނެރެދިނުމުގައި ބަލަން ޖެހޭ ކަންކަމަށް ނުބަލާކަމަށެވެ. އެގޮތުން އަމުރު ދިނުމަށް ފަނޑިޔާރު ނިންމެވި ނިންމުމަށް ވާސިލްވި ގާނޫނީ ސަބަބެއް ބަޔާންކޮށްފައި ނެތްކަމަށާއި، ހަމައެކަނި ފަނޑިޔާރު ގަބޫލު ކުރާ ގޮތް ކޯޓު އަމުރުގައި ލިޔެގެން ނުފެދޭނެކަމަށެވެ. އަދި އަމުރު ނެރުނު ސަބަބު ސާފުކޮށްދީފައިނުވާނަމަ އެ ޝަރީއަތަކީ ސައްހަ ޝަރީއަތެއް ވެސް ނޫންކަމަށް ހައިކޯޓުގެ އަމުރުގައިވެއެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދެވެ.

ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހަސަން ޝަފީއުއެވެ.



ކިޔުންތެރިންގެ ހިޔާލު