ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބެން އިންޑިއާ ރައްޔިތުން ވެސް ބޭނުންނުވާކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވެފައި މިވަނީ ރައީސް ޔާމީންގެ ގެކޮޅުން ފުލުހުން ނެގި ބެނާ ހޯދުމަށް ފުލުސް އޮފީހަށް ވަޑައިގަތުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ.

ޝިޔާމް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަށް ތަާއީދުކޮށް އިންޑިއާ މީހުންވެސް ޝުއޫރުތައް ފާޅުކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގައި އިންޑިއާ ސިފައިން ތިބެގެން، ރާއްޖޭގެ ސުލްހަ މަސަލަސްކަން ގެއްލެން އިންޑިއާ މީހުންވެސް ބޭނުންނުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށްވެސް އިންޑިއާގެ ރައްޔިތުން އެބަ ގުޅާ. އިންޑިއާ ރައްޔިތުންވެސް އެބަ ބުނޭ ރަނގަޅު ކަމެކޭ ތިކުރަނީ. ތިމަންނަވެސް ގަބޫލެއް ނޫނޭ މިތަނުގައި ތިމަންނާމެންގެ އަސްކަރިއްޔާ ތިބޭކަށް. އިންޑިއާ ސިފައިން ތިބެގެން ރާއްޖޭގެ ސުލްހަ މަސަލަސްކަން ގެއްލެން ބޭނުންނުވާ ވާހަކަ އެބަބުނޭ." ޝިޔާމް ވިދާޅުވިއެވެ.



ޝިޔާމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ފަށާފައިވާ ކެމްޕެއިނަކީ ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ އާއްމު ރައްޔިތުން ނުވަތަ ވަޒީފާ އަދާކުރާ ފަރާތްތަކާއި ދެކޮޅަށް ހިންގާ ކެމްޕެއިނެއް ނޫންކަމަށެވެ. އަދި އެކަން އޮޅުވާލައިގެން އުޅެނީ ސަރުކާރުން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.



"މި ދައްކަނީ އިންޑިއާގެ ޑޮކްޓަރުންގެ ވާހަކައެއް ނޫން. މިދައްކަނީ ނަރުހުންގެ ވާހަކައެއް ނޫން.. ޓީޗަރުންގެ ވާހަކައެއް ނޫން.. އެބޭފުޅުން ރާއްޖޭގައި ވަޒީފާ އަދާކުރާތީ މިތަނަށްވެސް އޭގެ ފައިދާ، އިންޑިއާއަށްވެސް އޭގެ ފައިދާ. އެބޭފުޅުންނަށް އަޅުގަނޑުމެން އިހްތިޔާރުކުރަން.. އަޅުގަނޑުމެން ދައްކާ ވާހަކަ އޮޅިގެން އުޅެނީ ސަރުކާރުގެ ވެރިންނަށް." ޝިޔާމް ވިދާޅުވިއެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު، އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ރައީސް ޔާމީންގެ ގެކޮޅުގައި ދެމި އިންޑިއާ އައުޓް ބެނާ ނަގަން ކޯޓު އަމުރު ހޯދާފައިވަނީ ގާނޫނާއި ހިލާފަށްކަމަށް ބުނެ ހައިކޯޓުން ހުކުމްކުރުމުން، އިދިކޮޅުން ވަނީ އެ ހަރަކާތް އިތުރަށް ފުޅާކުރުމަށް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު