ރާއްޖޭގެ ސްކޫލްތަކުގައި ޓިއުބަރކްލޯސިސް (ޓީބީ) ބަލި ފެތުރެމުންދާކަމަށް ބުނާ ވާހަކަ އެޑިޔުކޭޝަން މިނިސްޓްރީން ދޮގުކޮށްފިއެވެ.

ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) ގައި މި ބަލި ފެތުރެމުންދާ ކަމަށް މިއަދު ބައެއް ނޫސްތަކުގައި ރިޕޯޓު ކުރުމާއި ގުޅިގެން އެޑިޔުކޭޝަނުން މިއަދުވަނީ އެކަން ދޮގުކޮށް ނޫސްބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި މިނިސްޓްރީ ގުޅިގެން "ޓީބީ އެލިމިނޭޝަން ޕްރޮގްރާމް" ގެ ނަމުގައި ޕްރޮގްރާމެއް ކުރިޔަށް ގެންދާ ކަމަށާއި އެ ޕްރޮގްރާމަކީ ދޭތެރެ ދޭތެރެއިން ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މި އަހަރުވެސް ޓީބީއަށް ސްކްރީން ކުރުމުގެ ޕްރޮގްރާމް ބައެއް ސްކޫލްތަކުގައި ކުރިޔަށް ދާކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީންބުނީ، ޓީބީއަކީ ގައިންގަޔަށް އަރާ ބައްޔެއްގެ ގޮތުގައި ރާއްޖެއިން ފެނިފައިވާ ބައްޔަކަށް ވީއިރު، މިފަދަ ޕްރޮގްރާމްތަކުގެ ތެރެއިން އެ ބަލި މަދުން ނަމަވެސް ފެނިފައިވާ ކަމަށާއި އެ ފަދަ ހާލަތްތަކުގައި މިނިސްޓްރީން އަމަލު ކުރަމުންދަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ. އަދި މިހާރު ކުރިޔަށްދާ ސްކްރީނިންގ ޕްރޮގްރާމާއި ގުޅުވައިގެން ރާއްޖޭގެ ސްކޫލްތަކުގައި ޓީބީ ފެތުރެމުންދާކަމަށް ފަތުރަމުންދާ ހަބަރަކީ އެއްވެސް ހަގީގަތެއް އޮތް ހަބަރެއް ނޫންކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ.

މިނިސްޓްރީގެ ނޫސްބަޔާނުގައި، އެފަދަ ކަންކަމަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދިދާނެ ކަމަކަށްވާތީ ހަގީގަތެއް ނެތް އެފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކިށްފައި ވެއެވެ. އަދި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިނިސްޓްރީން އަބަދުވެސް ހާއްސަ އިސްކަމެއް ދޭނެކަމަށް ވެސް ބުނެފައިވެއެވެ.

ޓީބީ އަކީ ރަނގަޅުކުރެވޭ ބައްޔެއްކަމަށް ވިޔަސް، އެއީ ދުނިޔޭގައި އެންމެ ގަދައަށް ފެތުރި އޭގެ ސަބަބުން އެންމެ ގިނަ މީހުން މަރުވަމުންދާ އެއް ބައްޔެވެ.



ކިޔުންތެރިންގެ ހިޔާލު