އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓްގެ ވާހަކަ ދެން އަނެއްކާވެސް ދައްކާނީ އެމްޑީޕީގެ ޕްރައިމަރީއާއި ދިމާކޮށް ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު މިއަދު ވިދާޅުވީ، އެމްއެމްޕީއާރުސީ ގެ ފައިސާ ނެގި ލިސްޓަކީ އިންތިހާބުތަކާ ގުޅުވައިގެން "ކޮޕީ ޕޭސްޓް" ކުރާ ހަތިޔާރަކަށް ހަދާފައިވާ އެއްޗެއް ކަމަށެވެ. އަދި ދެން އެންމެ އަވަހަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓްގެ ވާހަކަ ދައްކަން ފަށާނީ އެމްޑީޕީގެ ކޮންގްރެސް، ޕްރައިމަރީގައި ކަމަށް ބެލެވޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" ކަމަށް ބުނި މީހުންނަށް ރައްޔިތުން ދޭނީ "ޒީރޯ" ކަމަށެވެ.



އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއާއި ގުޅުވައިގެން ކަމަށް ބެލެވެއެވެ. އެމްޑީޕީގެ ތެރޭގައި ބޮޑެތި ކޯޅުންތަކެއް އުފެދިފައިވަނިކޮށް ބޭއްވި އެ ޕާޓީގެ ޗެއަރޕާސަންގެ އިންތިހާބަށްފަހު އިއްޔެ ބޭއްވި ގައުމީ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ވަނީ އެމްޑީޕީގެ ކޮންގްރެސް ބާއްވާނެ ތާރީހަކާއި މެދު މަޝްވަރާ ކޮށްފައެވެ.

ޗެއަރޕާސަންގެ އިންތިހާބުގައި، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވީނަމަވެސް، އެ ތުހުމަތުތައް ކުރުމުގައި އެންމެ އިސްކޮށް ހުންނެވި ރައީސް ނަޝީދުވެސް މިހާރުދަނީ ފައްޔާޒާއިއެކު މަސައްކަތް ކުރައްވަމުންނެވެ. ކެމްޕޭންގެ ތެރޭގައި ފައްޔާޒާއި އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅުން އޮތްކަމަށް ދޭހަވާފަދަ މޭރުމަކުން ރައީސް ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް އެ ތުހުމަތު ތަކަކީ ސާބިތުހިފޭ ތުހުމަތު ތަކަކަށް ނުވިއެވެ.

އެ ތުހުމަތުތަކާއި ގުޅިގެން ފައްޔާޒު ވިދާޅުވެފައިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަސްލު ލިސްޓް އަދި ނެރުއްވާނެކަމަށެވެ. ހަމަ އެގޮތަށް ރައީސް ނަޝީދު ވެސް އޭރުވަނީ އެމްއެމްޕީއާރުސީގެ ރިޕޯޓު އެބައޮތްކަމަށާއި އެ ރިޕޯޓު އާންމު ކުރަންޖެހިދާނެކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު