ސްކައުޓް ހަރަކާތް ރާއްޖޭގައި މިހާރަށްވުރެ ފުޅާ ކުރެވިއްޖެނަމަ ދިވެހި މުޖްތަމަޢުގެ ތެރޭގައި ހުރި އިޖްތިމާޢީ ގިނަ މައްސަލަތަކަށް ޙައްލުހޯދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ސާލިޙު މިހެން ވިދާޅުވީ ދިވެހި ސްކައުޓް ހަރަކާތަށް 66 އަހަރުފުރޭ މުނާޞަބާ ފާހަގަކުރުމަށް މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ސްކައުޓް ގާލާ ނައިޓްގައި ޗީފް ސްކައުޓްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ ސްކައުޓް ހަރަކާތް މިހާރަށްވުރެ ފުޅާކުރެވިއްޖެނަމަ ދިވެހި މުޖްތަމަޢުގައި އަށަގަނެފައިވާ މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގު ކުށްތަކާއި ގެވެށި އަނިޔާގެ މައްސަލަތަކާއި ޖިންސީ ގޯނާގެ މައްސަލަތަކަށް ވެސް، އެދެވޭ ޙައްލެއް ފެންނާނެ ކަމަށް ޤަބޫލުފުޅު ކުރެއްވޭކަމަށެވެ.

ރާއްޖޭގައި ސްކައުޓް ޙަރަކާތް މިހާރު ކުރިޔަށްދާ ގޮތުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސް ސާލިޙު ވިދާޅުވީ ރާއްޖޭގައި މި ހަރަކާތް ޢާންމުގޮތެގައި ކުރިޔަށްގެންދަނީ ސްކޫލް ކުދިންގެ މެދުގައި ގްރޭޑް 10 ނުވަތަ ގްރޭޑް 12 ނިމެންދެން ކަމަށެވެ. އެއަށްފަހު އެފަދަ އެއްވެސް ހަރަކާތެއްނެތި ހުސްކަމެއްގެ ތެރޭގައި ކުދިން ތިބެންޖެހުމުން މަސްތުވާތަކެއްޗާއި ގޭންގްކުށްތަކާއި އަދި އެ ނޫންވެސް މުޖުތަމަޢުގައި ހުރި ނުރަނގަޅު ކަންކަމުގެ ތެރެއަށް ކުދިން ވަންނަން މެދުވެރިވާކަން ރައީސް ސާލިޙު ފާހަގަކުރެެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޒުވާނުންގެ ތެރޭގައި، މިފަދަ ހުސްކަމެއްގައި ބާކީވެފައި ތިބި ޒުވާނުންނަށް ސްކައުޓް ޙަރަކާތް އަމާޒުކުރެވިއްޖެ ނަމަ، ނޭދެވޭ ކަންކަމާ ޒުވާނުންދުރުކޮށް، އެފަދަ ކަންކަމުގެ ތެރޭގައި ޝާމިލުވާ ޒުވާނުންގެ ޢަދަދު މަދުކުރެވިދާނެ ކަަމަށެވެ.



"އަޅުގަނޑުމެންގެ ތެރޭގައި ބާކީވެ ހާވިޔާވެގެން އުޅޭ ޒުވާނުންނަށް ސްކައުޓް ޙަރަކާތްތައް އަމާޒުކުރެވިއްޖެއްޔާ، ވަރަށް ގިނަ ޒުވާނުން ސަލާމަތުގެ އައްސޭރިއަށް ގެންދެވޭނެ. ކަމެއް ނެތި ބާކީވެފައި ތިބޭ ކުދިންގެ އަދަދު މަދުވެސްކުރެވޭނެ. އެ އަދަދު މަދުވުމަކީ ކުށަށް އަރައިގަންނަ ކުދިންގެ އަދަދު މަދުކުރެވޭނެ ކަމެއް. އެއީ އިޖްތިމާޢީ ވަރަށް ގިނަ މައްސަލަތަކަށް ލިބޭނެ ޙައްލަކަށް ވެސް ވާނެ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ސްކައުޓް ޙަރަކާތުގެ ޙަޤީޤީ ބޭނުމަކީ މިފަދަ އިޖްތިމާޢީ މައްސަލަތަކަށް ޙައްލު ހޯދައިދީ ޤައުމު ބިނާކުރުމަށް އަހުލުވެރިވެފައިވާ ޒުވާނުންތަކެއް ތައްޔާރުކޮށްދިނުން ކަމަށެވެ. ހަމަ އެހެންމެ، ސްކައުޓް ޙަރަކާތުގެ ބާނީ ކުރެއްވި މަސައްކަތަކީވެސް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ޤާބިލު، އަދި ޤައުމުދެކެ ލޯބިވާ، ޤައުމުގެ ދިފާޢުގައި މަސައްކަތްކުރާ ޒުވާނުންތަކެއް ބިނާކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނު ފާހަގަކުރެއްވި ކަންކަމަށް އަމާޒުކޮށްގެން ސްކައުޓް ޙަރަކާތްތައް ރާއްޖޭގައި ފުޅާކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އެމަނިކުފާނު ފާހަގަކުރެއްވި ކަންކަމުގެ މައްޗަށް ވިސްނުން ގެންގުޅުއްވުމަށް ސްކައުޓް ޙަރަކާތުގެ އިސް ބޭފުޅުންނާއި ސްކައުޓް ކައުންސިލުގެ ބޭފުޅުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވިއެވެ.



މީގެ އިތުރުން ސްކައުޓުންގެ ފަރާތުން ހުށައަޅުއްވާފައިވާ ކަންކަމަށް މިހާރުވެސް ސަރުކާރުން އަމަލީ ސިފަ ގެންނަވަމުން އަންނަކަން ފާހަގަކުރައްވައި ސްކައުޓުން ކޭމްޕް، ޖަމްބަރީފަދަ ހަރަކާތްތައް ބޭއްވުމަށް ކުރިންވެސް އޮތްފަދައިން މާލެ ކައިރި ސަރަޙައްދުން ދަތުރުދާނެ ރަށެއް އެޑިއުކޭޝަން މިނިސްޓްރީއާ ލަސްތަކެއްނުވެ ހަވާލުކޮށްދެއްވާނެކަމަށް ރައީސް މިރޭ ވިދާޅުވިއެވެ.

މި ޖަލްސާގައި، ސްކައުޓް ޙަރަކާތުގެ އެންމެ މަތީ ޝަރަފުކަމުގައިވާ "ސިލްވަރ ޓޫނާ" އެވޯޑް ޙާޞިލުކުރެއްވި ސްކައުޓުންނާއި ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް އެވޯޑް ޙާޞިލުކުރި ސްކައުޓުންނަށް ބެޖާއި ޝަރަފުގެ ލިއުން ހަވާލުކޮށްދެއްވީ ޗީފް ސްކައުޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.



ކިޔުންތެރިންގެ ހިޔާލު