ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދާ އެއްގޮތަށް ޓީޗަރުންނާއި ޕްރިންސިޕަލުންނަށް ބޮޑުކުރި މުސާރަ މިއަދު ޖަމާކޮށްދިނުމުން ހާމަވީ އޯގާތެރި ވެރިއެއްގެ އިހުސާންތެރިކަން ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ރައީސް އިބްރާހިމް މުހައްމަދު ސާލިޙަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.

ރައީސް ސާލިޙު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަ ބޮޑުކޮށް އާ އޮނިގަނޑުގެ ދަށުން މިއަދު ވަނީ ޓީޗަރުންނާއި ޕްރިންސިޕަލުންނަށް ބޮޑުކުރި މުސާރަ ޖަމާކޮށްދީފައެވެ. އެކަމާ ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވީ ‏އޯގާތެރި ވެރިއެއްގެ ހުރި އިހުސާންތެރިކަން މި މޭމަހުގެ ޓީޗަރުންގެ މުސާރައިން ހާމަވެއްޖެ ކަމަށެވެ. އެގޮތުން ރައީސް ސާލިޙަކީ ރަނުން ރަނަށް ވައުދު ފުއްދަވާ ބޭފުޅެއް ކަމަށް ވިދާޅުވެ ސަމީރު ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.



"ރައީސް ޞާލިޙަކީ ވަޢުދުވެ، ވަޢުދު ރަނުން ރަނަށް ފުއްދަވާ ރައްޔިތުންގެ އިތުބާރާ ޔަގީންކަން ހޯއްދެވި ވެރިއެއް. ޓީޗަރުންގެ ޢާއިލާ ތަކަށް އުފާވެރިކަން." ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ސަމީރު ވިދާޅުވިއެވެ.

ޓީޗަރުންގެ ބޮޑުކުރި މުސާރަ ޖަމާކޮށްދިނުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އާ އޮނިގަނޑަށް ހިޖުރަކުރި މީހުންނަށް މުސާރަ ޖަމާވުމުން އެ މުވައްޒަފުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަން ކަމަށެވެ.

"ޝުކުރިއްޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު." މިނިސްޓަރު ވިދާޅުވި އެވެ.

އާ އޮނިގަނޑުގެ ދަށުން ޑިޕްލޮމާ ލެވެލްގެ ޓީޗަރަކަށް 13،266ރ. ޑިގްރީ ލެވެލްގެ ޓީޗަރަކަށް 19،467ރ. އަދި މާސްޓާސް ލެވެލްގެ ޓީޗަރަކަށް 20،895ރ. މުސާރައިގެ ގޮތުގައި މިމަހުން ފެށިގެން ލިބޭނެއެވެ. އަދި ޕްރިންސިޕަލުންގެ ތެރެއިން ވެސް ރޭންކް 1 ގައި ހިމެނޭ ޕްރިންސިޕަލަކަށް 30،610ރ. އަދި ރޭންކް 2 ގައި ހިމެނޭ ޕްރިންސިޕަލަކަށް 33،075ރ. އަށް ވަނީ މުސާރަ ބޮޑުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު