މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ބީއެމްއެލް ބޯޑު މެމްބަރުންނަށް 2.6 މިލިއަން ރުފިޔާ އަދި ސީނިއަރ މެނޭޖްމަންޓަށް 33 މިލިއަން ރުފިޔާ ހުސްވި އަހަރު ދީފައިވާކަން ބީއެމްއެލްގެ އަހަރީ ރިޕޯޓުން ހާމަކޮށްފިއެވެ.

ބީއެމްއެލްގެ އަހަރީ ރިޕޯޓްގައިވާ ގޮތުން ބޯޑު ޑިރެކްޓަރުންގެ މުސާރައަކީ 10 ހާސް ރުފިޔާއެވެ. އަދި ބޯޑު ޑިރެކްޓަރުންގެ އިނާޔަތަކީ 1500 ރުފިޔާއެވެ. ޗެއަރޕަސަންގެ ހާއްސަ އިނާޔަތުގެ ގޮތުގައި 5000 ރުފިޔާ ކަނޑައަޅާފައިވާއިރު ބޯޑު ކޮމިޓީގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ލިބެއެވެ.

2021 ވަނަ އަހަރު ބޯޑުގެ ޑިރެކްޓަރުންނަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ޖުމްލަ 2،632،725.80 ރުފިޔާ ވަނީ ދީފައެވެ.

ވަކިވަކި ޑިރެކްޓަރުންނަށް 2021 ވަނަ އަހަރު ލިބިވަޑައިގަތް މުސާރަ:-



1- ޖުވައިރިޔާ ސަޢީދު: 339000 ރުފިޔާ

2- އިބްރާހީމް މުޙައްމަދު: 312000 ރުފިޔާ

3- އަޙްމަދު މުޙައްމަދު: 297000 ރުފިޔާ

4- ޢަބްދުﷲ ޙަސަން: 294000 ރުފިޔާ

5- ނަޖީމް އިބްރާހީމް ޒަކަރިއްޔާ: 188564.52 ރުފިޔާ

6- ޙުސައިން ތައުފީޤް އަލީ: 185564.52 ރުފިޔާ

7- ޓިމޮތީ ސޯޔަރ: 168000 ރުފިޔާ

8- ޢާއިޝަތު ނޫރައްދީން: 168000 ރުފިޔާ

9- މުޙައްމަދު ޢަބްދުއްސައްތާރު: 152564.52 ރުފިޔާ

10- މުޙައްމަދު ޝަރާހް: 150806.45 ރުފިޔާ

11- ޡަނާ މަންސޫރު: 112258.06 ރުފިޔާ

12- ޔޫޝަޢު ސަޢީދު: 98225 ރުފިޔާ

13- އަބްދުالله ޙުސާމް ޝަރީފް: 96806 ރުފިޔާ

14- ޢާއިޝަތު ސަޖްނީ: 37967 ރުފިޔާ

15- ޢަބްދުالله ނަސީމް: 31967 ރުފިޔާ

ބޭންކުގެ ޑިރެކްޓަރުންގެ އިތުރުން، ބޭންކުގެ އެގްޒެކެޓިވް މެނޭޖްމަންޓަށް މުސާރާއާއި އިނާޔަތުގެ ގޮތުގައި ހުސްވިއަހަރު 33 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ. ނަމަވެސް އެ ބޭފުޅުންނަށް ދެއްވި މުސާރައާއި އިނާޔަތްތަކުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ބީއެމްއެލުން ބުނީ އެ ފަރާތްތަކުގެ މުސާރައިގެ ތަފްސީލް ހާމަނުކުރީ ވިޔަފާރިއާއި ވަޒީފާގެ މާހައުލަށް ރިޢާޔަތްކޮށް، ވާދަވެރި ވިޔަފާރިތަކުން އެފަދަ މަޢުލޫމާތުތައް އާންމުކުރަމުން ނުދާތީވެ، އެކަމަށް ރިޢާޔަތްކޮށް ބޭންކަށް ލިބިދާނެ ގެއްލުމަކަށް ވިސްނާފައިކަމަށެވެ.

ބީއެމްއެލްގެ ވެރިިންނަށް ބޮޑެތި އަދަދުތަކުން މުސާރައާއި އިނާޔަތްތައް ދީފައިވާއިރު، އާންމު ރައްޔިތުންގެ އަތުން ބޮޑެތި އަދަދު ތަކުން ނުހައްގު މަންފާ ނަގައިގެން ބޯޑު މެންބަރުންނާއި ސިނިއާ މެނޭޖްމަންޓުގެ ބޭފުޅުން ބޮޑެތި އަދަދު ތަކުން މުސާރައާއި އިނާޔަތްތައް ނަންގަވާތި ގިނަ ބަޔަކު އަންނަނީ ތަފާތު ޝުއޫރުތައް ފާޅުކުރަމުންނެވެ.

އެގޮތުން އާއްމު ރައްޔިތުންގެ އަމިއްލަ ފައިސާ ބޭންކުގައި ހުންނައިރު އެ ފައިސާކޮޅުވެސް ބޭނުންވާ ވަރަށް ނުނެގޭކަން ފާހަގަކުރެއެވެ. މީގެއިތުރުން މިހާރުވެސް ކްރެޑިޓް ކާޑުގެ ލިމިޓާއި، ޑޮލަރު ނެގޭ ލިމިޓްތައްވެސް ކޮންޓްރޯލްކޮށްފައި ބޭއްވުމަށްފަހު، ބޭންކުގެ ވެރިން މިލިއަނުން ފައިސާ ނެގުމުން ގިނަ ބަޔަކު ދަނީ އެކަމާއި ފާޑު ކިޔަމުންނެވެ.

ގިނަ ބައެއްގެ އެންމެ ބޮޑު ޝަކުވާއަކީ އާންމުންނަށް ކްރިޑިޓް ކާޑުން 250 ޑޮލަރު މަހަކު ދީފައި އަދި އަމިއްލަ އެކައުންޓްގައި ހުންނަ ޑޮލަރުކޮޅު ލިމިޓްކޮށް ހިފަހައްޓައި، ކާޑުތަކުން ބޮޑު އިންޓަރެސްޓް ނަގައި ރައްޔިތުންގެ އަތުން "ފޭރިގެންފައި" ބޭންކުގެ ބޮޑުންގެ ޖީބުތައް އެފައިސާއިން ފުރަމުން ގެންދާކަމުގެ ޝަކުވާއެވެ. އަދި ވާނުވާ ނޭނގި ކާޑުން ބޮޑެތި އަދަދުތައް ކަނޑައި އެފައިސާ އަނބުރާ ނުދޭކަމުގެ ޝަކުވާވެސް ބައެއް ފަރާތްތަކުން ކޮށްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު


-1

ސަލީމް

06-Jun-2022

ލޯނެއް ލިބޭތޯ ވަރަށް މަސައްކަތް ކުރެވިއްޖެ. ދައްކަނީ ނުދޭނެ ކޮންމެވެސް ބަހަނާެއެއް. ސާބަހޭ ބޭންކް އޮފް މޯލްޑަވްސް. ތިއީ ރައްޔިތުންގެ ބޭންކެއްގެ ލަާމަސީލު މިސާލެއް.