ހާންޖީ ކެފޭ ހުންނަ ސަރަހައްދު
ހާންޖީ ކެފޭ ހުންނަ ސަރަހައްދު
ހުޅުމާލޭގައި ހުންނަ ހާންޖީ ނަމަކަށްކިޔާ ރެސްޓޯރެންޓުގައި މަސައްކަތް ކުރަމުންދިޔަ ވެއިޓަރަކު މަރާލާފައިވާ މައްސަލައިގާ ދައުލަތުން ދައުވާކޮށްފައިވާ އެ ރެސްޓޯރެންޓުގެ ކައްކާ، ޕާކިސްތާން މުޙައްމަދު އާބިދު، ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން އެކޯޓުގެ ގާޒީ އިސްމާއީލް ޝަފީއު އިއްޔެ ކުރި އަމުރުގައި ބުނެފައިވަނީ ހުށަހެޅިފައިވާ ހެއްކާއި، މައްސަލައޮތް ހާލަތަށް ރިއާޔަތް ކުރުމަށް ފަހުގައި އާބިދު، ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރާ ކަމަށެވެ.

އެ އަމުރުގައި އިތުރަށް ބުނެފައި ވަނީ އެ މައްސަލައިގެ ތަހުގީގު ކުރުމުގެ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްދީފައިވާ ކަމަށެވެ.

އާބިދު، ޝާހީނަށް ހަމަލާ ދިން ރޭ، އޭނާ ހައްޔަރުކޮށްފައިވަނީ މެންދަމު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފިލައިގެން އުޅެނިކޮށް އަތިރިމަތިންނެވެ. އާބިދު ވަނީ ޝާހީނު މަރާލިކަމަށް، އާބިދުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެންމެ ފުރަތަމަ ގެންދިޔަ ދުވަހު ވެސް އިއުތިރާފުވެފައެވެ. ނަމަވެސް އާބިދު ވަނީ ޝާހީނަށް ގަސްތުގައި ހަމަލާ ދިނުމުގެ ނިޔަތެއް ނެތް ކަމަށް ބުނެފައެވެ.

ހާދިސާއަށްފަހު ޝާހިންގެ އާއިލާގެ އެދުމަށް އޭނާގެ ހަށިގަނޑު ވަނީ ބަންގްލަދޭޝަށް ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު