ޕީޕީއެމްއިން އީސީއަށް ފޯމްތައް ހުށަހަޅަނީ
ޕީޕީއެމްއިން އީސީއަށް ފޯމްތައް ހުށަހަޅަނީ
އިދިކޮޅު މައިޕާޓީ ޕީޕީއެމާ އަލަށް ގުޅުނު ގިނަ އަދަދެއްގެ މެންބަރުންގެ ފޯމްތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.

ޕީޕީއެމުން މިއަދު ބުނީ، އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް ކުރިޔަށްގެންދާ ޕްރޮގްރާމްގެ ދަށުން އަލަށް ޕާޓީއާ ގުޅުނު މެންބަރުންގެ ތެރެއިން 500 މެމްބަރޝިޕް ފޯމް މިއަދު އީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.

ޕީޕީއެމާއި އަލަށް ގުޅުނު މެންބަރުންގެ ފޯމްތައް އީސީއަށް ހުށަހެޅިއިރު، ސިޔާސީ ޕާޓީތަކުގެ މެންބަރުން އޮޅުވާލައިގެން އެހެން ޕާޓީތަކަށް ވައްދާ މައްސަލަ ވަނީ ފެންމަތިކޮށްފައެވެ. އެގޮތުން ޕީޕީއެމްގައި ހިމެނޭ ބައެއް މެންބަރުން އެ މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ބަދަލު ކޮށްފައިވާކަމަށް އެ ޕާޓީން ވަނީ ތުހުމަތުކޮށްފައެވެ.

އެގޮތުން، ޕީޕީއެމްގައި ތިބި ގިނަ އަދަދެއްގެ މެންބަރުން، ދާދިފަހުން އުފެއްދި މޯލްޑިވްސް ނެޝަނަލް ޕާޓީ އާއި އަދާލަތު ޕާޓީއަށް ބަދަލު ކޮށްފައިވާ ކަމަށް އެޕާޓީން ތުހުމަތު ކުރެއެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް އެދި އީސީގައި ވެސް ޕީޕީއެމުންވަނީ އެދިފައެވެ.

މި މައްސަލާގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ތޮލާލް މިއަދު ވިދާޅުވީ، މިދިޔަ 2021 ވަނަ އަހަރުގެ އޮކްޓޯބަރ 1 އިން ފެށިގެން ޕާޓީތަކުން ހުށަހަޅާފައިވާ ފޯމުތަކުގެ ސައްހަކަން ކަށަވަރުކޮށް، ވަގު ފޯމު ހުށަހަޅައިގެން ޕާޓީ ބަދަލުވެފައިވާ ފަރާތްތައް އިތުރު ފޯމެއް ފުރުމެއް ނެތި، ކުރިން ތިބި ޕާޓީއަށް އީސީން ބަދަލުކޮށްދޭން ޖެހޭނެކަމަށެވެ. ނަމަވެސް މިކަމަށް އީސީން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޕާޓީތަކަށް މީހުން ވެއްދުމާއި ގުޅޭ މައްސަލަތައް ހައްލު ކުރުމަށް އީސީން އިސްނަގައިގެން ވެސް ވަނީ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ޕާޓީތަކަށް ވެއްދުމަށް ހުށަހަޅާ ފޯމްތަކުގެ މައުލޫމާތު އާންމުކޮށް ޝަކުވާއަށް ހުޅުވާލަން މިހާރުވަނީ ފަށާފައެވެ. އެގޮތުން މިއަދު ވެސް ވަނީ ދެ ޕާޓީއަކަށް މީހުން ވެއްދުމަށް ހުށަހަޅާފައިވާ ފޯމްތަކާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު