މާލެއާއި ތިލަފުށި ގުޅާލުމަށް އަޅާ ބްރިޖު މަޝްރޫއުގެ ދަށުން އަންނަ އަހަރު މާލެއާއި ވިލިމާލެއާއި ދެމެދު ދަތުރުކުރަން ފެށޭނެ ކަމަށް ބްރިޖް މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗަރުން ހާމަކޮށްފިއެެވެ.

އިންޑިޔާގައި މިވަގުތު ތިބި ނޫސްވެރިންނަށް މައުލޫމާތު ދެމުން ބްރިޖް މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗަރުން ބުނީ ބްރިޖް މަޝްރޫއުގެ ޖިއޯޓެކްނިކަލް ސާވޭތަކުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބްރިޖާއި ގުޅޭ މަގުތަކާއި އެހެނިހެން މަސައްކަތްތައް ތާވަލާއި އެއްގޮތަށް ކުރިއަށްދާ ކަމަށް އެފްކޯންސް އިން ބުންޏެވެ.

މި މަސައްކަތްތައް ކުރުމަށް މިވަގުތު 585 މީހުންގެ ޓީމެއް ހަރަކާތްތެރިވާއިރު ކުރިއަށް އޮތް ހަތަރު މަސްތެރޭގައި އެ އަދަދު 900 އަށް އިތުރުކުރާނެ ކަމަށް އެފްކޯންސް އިން މައުލޫމާތުދެއެވެ.

ބްރިޖް މަޝްރޫއަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ސައިޓަށް ގެންގޮސްފައިވާއިރު، ތާވަލަށް މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެފްކޯންސް އިން ވަނީ ދީފައެވެ.

އެފްކޯންސްއިން ހާމަކުރިގޮތުގައި އަންނަ އަހަރުގެ ޖުލައިގައި މާލެއާ ވިލިނގިއްޔާ ދެމެދު ދަތުރުކުރަން ފެށޭނެ އެވެ. އަދި 2024 ގެ ނިޔަލަށް ބްރިޖް މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 26 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ. ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާނެއެވެ.

6.7 ކިލޯ މީޓަރު ދިގު މި ލިންކްގެ، ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހެދުން ހިމެނެއެވެ.

މިއީ 500 މިލިއަން ޑޮލަރު ނުވަަތަ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓަކުންނެވެ.

ބްރިޖް މަޝްރޫއަކީ މި ސަރުކާރުން ހިންގާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއެވެ.



ކިޔުންތެރިންގެ ހިޔާލު