އަންނަ ދިރާސީ އަހަރަށް ގްރޭޑް އެކަކަށް ވަންނަން އެދި މިހާތަނަށް 2000 ފޯމް ހުށައަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ މީޑިޔާގައި ރޭ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން އޮފިސަރު އަހުމަދު ނަސީމް ވިދާޅުވީ އަންނަ ދިރާސީ އާ އަހަރުގައި އަލަށް 3000 ދަރިވަރުން ގުރޭޑް އެކަކަށް ވަންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން މިހާތަނަށް ގުރޭޑް އެކަކަށް ވަންނަން އެދި 2000 ފޯމް ލިބިފައިވާ ކަމަށް ނަސީމް ވިދާޅުވިއެެވެެ.

ނަސީމް ވިދާޅުވީ މާލޭގެ ހުރިހާ ޕްރީ ސުކޫލުތަކުގެ ޔޫކޭޖީ ދަރިވަރުންގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ޝެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ ޝެޝަންތަކުގައި ގްރޭޑް އެކަކަށް ވަނުމަށް އަމަލުކުރަންޖެހޭ ގޮތާއި އޮންލައިންކޮށް ފޯމް ފުރާނެ ގޮތް ކިޔައިދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭގެ ނަތީޖާ އެބަހުރި ފެންނަން، މިހާތަނަށް އައިއިރު 2000 ފޯމް އެބަހުރި އަޅުގަނޑުމެންނަށް ލިބިފައި ގްރޭޑް 1 ކަށް އަލަށް ވަންނަ ދަރިވަރުންގެ، 3000 ދަރިވަރުންނޭ ދެންނެވިއަސް އޭގެ ތެރެއިން ވަރަށް ގިނަ ދަރިވަރުން އުޅޭނެ ޕްެރައިވެޓް ސުކޫލުތަކުގައި. މާލޭގައި އުޅެފައި ދިމާވާ ހާލަތަކުން ރަށައް ބަދަލުވާ ދަރިވަރުން ވެސް އުޅެދާނެ. އެރަށްރަށުގެ ސުކޫލު ތަކަށް ބަދަލުވާނަމަ ސީދާ އެ ސުކޫލަކަށް ފޯމް ލީމަ އެ ޖާގަ ކަށަވަރު ވެގެންދާނެ އަތޮޅު ތެރޭގެ ސުކޫލުތަކުން." ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން ނަސީމް ވިދާޅުވީ މާލެ ސަރަހައްދުގައި ހިމެނޭ ހުޅުމާލެ އަދި ވިލިމާލޭގެ ގްރޭޑް އެކަކަށް ވަންނަން އެދި ހުށައަޅަންޖެހޭނީ އޮންލައިންކޮށް ފޯމް ހުށައަޅައިގެން ކަމަށެވެ. އެ ދަރިވަރުންނަށް ޖާގަ ކަށަވަރު ކޮށްދޭނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށް ނަސީމް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންނަށް ވަރަށް ގިނަ އަދަދެއްގެ ފޯމް ލިބިފައިވާ ވާހަކަ މިދެންނެވީ، ކުރިއަށް އޮތް ދިހަ ވަރަކަށް ނޫނީ ފަނަރަ ވަރަކަށް ދުވަސް ތެރޭގައި އަޅުގަނޑު ގަބޫލުކުރަނީ އެ ފޯމްތަކުގެ ޖަވާބުތައް، ދަރިވަރުންނަށް ޖާގަ ހަމަޖެހިގެންދިޔައީ ކޮން ސުކޫލަކުންކަން، ބެލެނިވެރިންނަށް އޭގެ ޖަވާބުތައް ލިބިގެންދާނެ ކަމަށް." ނަސީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު