އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވަމުން އަންނަ "އިންޑިއާ އައުޓް" މުޒާހަރާ ކަވަރކުރަން އުޅުނު ނޫސްވެރިޔަކަށް ހަމަލާދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ކޮންމެ ރެޔަކު ބާއްވަމުން ގެންދާ މުޒާހަރާ ރޭވެސް ކުރިއަށް ގެންގޮސްފައިވާއިރު، ރޭގެ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ގިނަ ބަޔަކަށް އަނިޔާވިކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ. އެގޮތުން "ވީޓީވީ"ގެ ނޫސްވެރިޔަކު، އޭނާ މަސައްކަތް ކުރާ އޮފީހުގެ ދޮރުމަތީގައި ހުއްޓާ އެއްވެސް އިންޒާރެއް ދިނުމެއް ނެތި، ފުލުހުން ޕެޕަރ ސްޕްރޭ ޖެހިކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ. އަދި އެ ނޫސްވެރިޔާއަށް ހޮސްޕިޓަލުގައި ވަނީ ފަރުވާވެސް ދީފައެވެ.

ނޫސްވެރިޔަކަށް ހަމަލާދިން މައްސަލައިގައި ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ. ފުލުހުން ބުނީ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން 49 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ އަންހެނަކު ހައްޔަރުކުރިކަމަށެވެ. އަދި އެމީހުން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ސަބަބުން ކަމަށްވެސް ފުލުހުން ބުނެއެވެ.

މާލޭގައި މިހާރު ބާއްވަމުން ގެންދާ މުޒާހަރާތައް ބުއްޓުވަން ފުލުހުން ހާލަތާ ނުބައްދަލު އެކަށީގެންނުވާ ބާރު ބޭނުންކުރަމުންދާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި އެކަމާއި ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތްތަކުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު