މާލެ ސަރަހައްދުގެ ގޭބީސީތަކުން އުކާލާ ކުނި، ބައިބަޔަށް ވަކިކޮށްގެން އުކާލުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ކަނޑައަޅާފައިވާ ޤަވާޢިދުގެ ދަށުން 1 ޖޫންނުން ފެށިގެން ކުނީގެ މައްސަލައަށް ފުރިހަމަ ޙައްލެއް ގެނައުމުގެ ގޮތުން މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި އުކުމަށް ހަމަޖައްސާފައިވާ އުސޫލާ އެއްގޮތަށް ވެމްކޯއިން ނިންމާފައިވާ ނިންމުމެކެވެ. އެގޮތުން މިއަދުން ފެށިގެން ކުނި ވަކިކޮށްފައި ހުންނަންޖެހޭނީ ކުނިވާ ޒާތުގެ ކުންޏާއި، ޕްލާސްޓިކް ފުޅި އަދި އެހެނިހެން ހުރިހާ ބާވަތެއްގެ ކުނި ވަކިކޮށްފައެވެ.

މިއުސޫލުގެ ދަށުން ވެމްކޯގެ ކުނި އުކާލުމުގެ ޚިދުމަތަށް ރަޖިސްޓްރީ ކޮށްފައިވާ ގޭބީސީތަކާއި ވިޔަފާރިތަކާއި އަމިއްލައަށް ސައިޓަށް އައިސް ކުނި އުކާލާ މީހުންވެސް އަމަލުކުރުމަށް ވަނީ އަންގާފައެވެ.

1-ކުނިވާ ޒާތުގެ ކުނި:

• ޖަނަވާރުގެ ބޮޑުކަމުދާ ތަކެތި

• ބާކީވާ ކާއެއްޗެހި (މަސް، މޭވާ، ތަރުކާރި އަދި އޭގެ ތޮށި)

• ސެނިޓަރީ ނެޕްކިންސް

• ފަތް ކުނި، ވިނަ

• އިސްތަށި / ނިޔަފަތި

• ޓިޝޫ، ކަފަ، ކަފަބުރު

• މިނޫންވެސް މިފަދަ ތަކެތި

2-ޕްލާސްޓިކް ކުނި:

• ވޮޝިން ލިކުއިޑް ފަދަ ފުޅި

• ޕްލާސްޓިކް ދަޅު / ފުޅި

• ޝޭމްޕޫ ފުޅި

• ފެންފުޅި

• މިނޫންވެސް މިފަދަ ތަކެތި

2-އެހެނިހެން ބާވަތްތަކުގެ ކުނި:

• އަންނައުނު އަދި ފޮތި

• ކޮސްމެޓިކް ދަޅު/ އެލުމިނިއަމް ދަޅު، ފޮއިލް

• ސޯސް ފުޅި

• ކަރުދާސް/ ކަރުދާސް ކޮތަޅު

• ދަވާދު/ ކުލަ ދަޅު

• ފާޚަނާ ސާފުކުރާ ކެމިކަލް ފުޅި

• ފަންސުރު/ ގަލަން

• މުށި، ތެޅިފައިވާ ތަށި، ތެލި، ބިއްލޫރި ފުޅި

• މިނޫންވެސް މިފަދަ ތަކެތި



މާލެ ސަރަހައްދު ފިޔަވައި، މީހުން ދިރިއުޅޭ ރަށްރަށާއި ސިނާޢީ ރަށްރަށާއި ޓޫރިސްޓް ރިސޯޓްތަކުން މަޢުދަނާއި ބިއްލޫރީގެ ބާވަތްތަކުގެ ކުނި ނެރެންޖެހޭނީ ވަކިކޮށްގެންނެވެ.

މީގެއިތުރުން ދުވަހު ކުނީގެ ގޮތުގައި ނުހިމެނޭ ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެ ކޯޕަރޭޝަންގެ "ކޯލް އެންޑް ޕިކަޕް"ގެ ޚިދުމަތް ނުވަތަ ކުލީ ޕިކަޕްގައި އެހެން ކުންޏާއި އެއް ނުވާނޭހެން އުކާލެވޭނެކަމަށްވެސް ވެމްކޯއިން ބުނެއެވެ.

ކުނި ވަކިކުރުމަށްފަހު އުކާލުމަށް ޚާއްސަކޮށްގެން ތިމާވެއްޓާ ރަށްޓެހި ކޮތަޅު އެތެރެކޮށް ބޭނުން ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެޒް ވެމްކޯއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު