މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
ރާއްޖޭގެ 6 ސަރަހައްދުގައި އެއަރޕޯޓް ތަރައްގީ ކުރަން 12 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށައަޅާފައިވާކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 6 ސަރަހައްދެއްގައި މުޅި އެއަރޕޯޓު ތަރައްގީ ކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ސަރުކާރުން ހުޅުވާލިއެވެ. ނަމަވެސް ފަހުން ވަނީ މުޅި އެއަރޕޯޓް ތަރައްގީކުރުމަށް ނުވަތަ އެއިން ބައެއް ތަރައްގީކުރުމަށް ފައިނޭންސް ކުރުމަށް ހުށައެޅޭގޮތަށް ބަދަލު ގެނެސްފައެވެ. އަދި ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެންމެ މަދުން ހުށައެޅޭނެ އަގު ވަނީ 5 މިލިއަނުން 3 މިލިއަން ޑޮލަރަށް ކުޑަކޮށްފައެވެ.

ޕްރޮޕޯސަލް ހުށަހަޅަން ސަރުކާރުން އެފަހަރު ހުޅުވާލީ، ބ. ތުޅާދޫ، ށ. ބިލެތްފަހި، ތ. ވިލުފުށި، ހދ. މަކުނުދޫ، ފ. މަގޫދޫ އަދި ރ. އަތޮޅުގެ ދެކުނު ބިތުގައި އެއަރޕޯޓެއް ތަރައްގީ ކުރުމަށެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވަނީ މި އެއަރޕޯޓުތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ، އެއަރޕޯޓުތަކުގެ މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށައެޅޭ އުސޫލަށް ގެނައި ބަދަލާއެކު ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރަން ފަށާފައިވާކަމަށެވެ.

އެގޮތުން މިހާތަނަށް 12 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށައަޅާފައިވާކަމަށާއި، އެއީ ޖުމްލަ 25 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ލިބުނު ޕްރޮޕޯސަލްތައް ބަލާ، މަސައްކަތް ކުރިއަށްގެންދެވޭނެ ގާބިލުކަން ހުރި ކުންފުނިތައް ދެނެގަތުމުގެ މަސައްކަތްތައް ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއުތައް ހަވާލުކުރަން ވިސްނަވާފައިވަނީ ތަފާތު ގޮތަކަށް ކަމަށާއި، ފުރަތަމަ އެގްރިމެންޓެއް ހަދާނީ 45 ދުވަހުގެ ތެރޭގައި އަގު ދައްކަން ކަމަށާއި، އެ މުއްދަތުގައި އަގު ނުދެއްކިއްޖެނަމަ، ޕްރޮޖެކްޓް ފައިނަލްކޮށް ހަވާލު ނުކުރާނެކަމަށެވެ. އަދި މިގޮތަށް ކުރިޔަށް ގެންދާ މަސައްކަތެއްކަމުން، މިކަމުގައި ބަންޑާރަނައިބުގެ ލަފައަކަށް ވެސް މިހާރު އެދިފައިވާނޭކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުރައިގެން 20 މިނެޓް ތެރޭގައި އެއަރޕޯޓަކަށް ދެވޭވަރަށް އެކި ސަރަހައްދުތަކުގައި އެއަރޕޯޓުތައް ތަރައްގީ ކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މަސައްކަތެކެވެ.



ކިޔުންތެރިންގެ ހިޔާލު