މި އަހަރުގެ އޭޕްރީލް 1 އިން ފެށިގެން ޕާޓީއަކުން ހުށަހަޅާފައިވާ ސައްހަ ނޫން ކޮންމެ ފޯމަކަށް އެ ޕާޓީއެއް 10،000ރ. އަށް ޖޫރިމަނާކުރާ ގޮތަށް އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުން ބަލައި ނުގަންނަ ކަމަށް އިދިކޮޅު ޕީޕިއެމުން ބުނެފިއެވެ.

މި އަހަރުގެ އޭޕްރީލް 1 އިން ފެށިގެން ސިޔާސީ ޕާޓީތަކަށް ވެއްދުމަށް ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް 10000 ރުފިޔާގެ ޖޫރިމަނާއެއްކުރަން އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ނިންމާފައެވެ. އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ވިދާޅުވީ، އީސީއަށް ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް އެ ޕާޓީއެއް 10،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށާއި އަދި ޕާޓީގެ ރަޖިސްޓްރާ ވެސް ފުރަތަމަ ފަހަރު 5،000 އަދި ދެވަނަ ފަހަރު 10،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށެވެ.

ޕީޕިއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް އެ ޕާޓީން 5000 އަށް ވުރެ ގިނަ މެމްބަރުން އެހެން ޕާޓީތަކަށް ވައްދާފައިވާ ކަމަށެވެ.

"2021 އޮކްޓޫބަރުމަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ފާޅުކަން ބޮޑުކޮށް ޕާޓީތަކުގެ މެމްބަރުން ވަގަށް ނަގާ އެެހެން ޕާޓީތަކަށް ބަދަލުކޮށް ހިންގާފައިވާ ވައްކަންތައް ނުބަލާ އޭޕްރިލް އެކަކުން ފެށިގެން ފިޔަވަޅު އަޅަން އީސީން ނިންމި ނިއްމުން ބަލައެއް ނުގަންނަން." ތޮލާލް ވިދާޅުވިއެވެ.



ޕީޕީއެމްގެ މެމްބަރުން ވަގަށް އެހެން ޕާޓީތަކަށް ވެއްދި ކަމަށް ބުނެ އެޕާޓީން ކުރާ ތުހުމަތުތަކާއު ގުޅިގެން އީސީން ބުނީ އެ ކޮމިޝަންގެ ޕާޓީތަކުގެ ރަޖިސްޓްރޭޝަން ބަލަހައްޓާ ސެކްޝަންގެ އޮޑިޓެއް ހަދާނެ ކަމަށާއި މުވައްޒަފުންގެ އިހުމާލެއް އުޅޭ ނަމަ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ. އެކަމަކު އެ މައްސަލައާ ގުޅިގެން އެޅި ފިޔަވަޅެއް ކޮމިޝަނުން އަދި ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު