ލޭންޑް ޔޫސް ޕްލޭނަށް ނުބަލައި ކައުންސިލުތަކުން ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާއެކު ރައްޔިތުން ބޭނުންވާ ތަރައްގީ ފޯރުކޮށްދިނުމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފު (ސެންބެ) ގޮވާލައްވައިފިއެެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކަށް ލިބޭ މާލީ ބާރުވެރިކަމާ ގުޅިފައިވާ ލޭންޑް ޔޫސް ޕްލޭންތައް ހަދާ އެލްޖީއޭއަށް ހުށަހަޅަންޖެހެއެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާއި ހުރެ އެ ޕްލޭންތައް ނުހެދި ވަނީ ދިގުލައިގެން ގޮސްްފައެެވެ. ދާދިފަހުން ބޭއްވި "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ކައުންސިލު ތަކުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފު (ސެންބެ) ވިދާޅުވީ ލޭންޑް ޔޫސް ޕްލޭނާއި ހެދި ކައުންސިލްތަކުގެ މަސައްކަތް ވަނީ ހުއްޓިފައި ކަމަށާއި، އެކަމާހެދި ކައުންސިލްތަކަށް ސަރުކާރުން ބަޖެޓް ނުދޭ ކަމަށެވެ. އަދި ލޭންޑް ޔޫސް ޕްލޭންގެ ނުހެދި ލަސްވުމުގެ ސަބަބުން އާމްދަނީ ލިބޭނެ މަގު ވެސް ބަންދުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސެންބެ ވިދާޅުވީ ކައުންސިލްތަޢް ރަނގަޅަށް ހިނގައިގަތުމަށް ލޭންޑް ޔޫސް ޕްލޭނަކީ މުހިންމު އެއްޗެއް ކަމަށެވެ. އެ ޕްލޭން ނުހެދި އެއް އަހަރު ފާއިތުވެގެންދިޔައީ ސަރުކާރުން ކުރިއާލައި އަޅަންޖެހޭ ފިޔަވަޅު ނޭޅުމުގެ ސަބަބުން ކަމަށާއި މިއަދު ހުރިހާ ދައްޗަކާއި ރައްޔިތުން ކުރިމަތިލާންޖެހުނީ އެހެންވެގެން ކަމަށް ސެންބެ ވިދާޅުވިއެވެ.

"އަޅުގަނޑު ގޮވާލަން ކައުންސިލްތަކަށް އެ ލޭންޑް ޔޫސް ޕްލޭނަށް ނުބަލައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއި އެއްގޮތަށް ކައުންސިލުތަކުން ރައްޔިތުން ބޭނުންވާ ބިންތަކާއި ރައްޔިތުންގެ ތަރައްގީއަށް ބޭނުންވާ އެހެނިހެން ކަންކަން މަގުފަހިކޮށްދޭށޭ. އެއީ މައި ސަރުކާރުން ހުއްޓުވޭނެ ކަމެއް ނޫން. ގާނޫނީ ގޮތުން އެ ބާރުވެރިކަން ކައުންސިލްތަކަށް އޮތީ ލިބިފައި." ސެންބެ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުން ތައްޔާރު ކުރާ ތަރައްގީގެ ޕްލޭނާއި ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން ނުވަތަ ލޭންޑް ޔޫޒް ޕްލޭން ހެދުމަށް އޮތް ދަތިތައް ފިލުވަން ގާނޫނު އިސްލާހު ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

"ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ލޭންޑް ޔޫސް ޕްލޭން ހެދުމާ ގުޅޭ ގޮތުން ބޭއްވި ޝެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ޕްލޭން ނުހެދިގެން އުޅެނީ ގާނޫނީ މައްސަލަތަކެއް ހުރުމުންކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ރައީސް ވިދާޅުވީ ޕްލޭންތައް ހެދުމުގައި ޕްލޭނިން މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން ރަށު ކައުންސިލްތަކުން ހަދަންޖެހޭ ޕްލޭންތައް ފާސްނުވެ އެކަން ވަނީ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައެވެ. އެކަމުގެ ސަބަބުން ރަށްރަށުގައި އާ މަޝްރޫއުތައް ހިންގާނެ ބިން ހޯދުމަށް ވެސް ވަރަށް ބޮޑަށް ވަނީ ދަތިވެފައެވެ.

މިހާތަނަށް ގާނޫނުގައިވާ ގޮތަށް ހަތް ރަށެއްގެ ޕްލޭން ވަނީ ފާސްކޮށްފައެެވެ. މިހާތަނަށް 55 ރަށަކުން ޕްލޭން ހަދާފައިވީ ނަމަވެސް، އޭގައި މައްސަލަތައް ހުރުމުން ފާސްކުރެވޭ ގޮތެެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު