ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ހުސައިން ޝަމީމް އެ މަގާމުގައި ހުންނަވައިގެން އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތަށް އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު މިރޭ ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ހުސައިން ޝަމީމް އެމަޤާމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ބައެއް މެމްބަރުން ވަނީ ފަށާފައެވެ. އެމައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ހުށައެޅުއްވީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދެވެ.

"ރަސްއޮންލައިން" އަށް މިރޭ މައުލޫމާތު ދެއްވަމުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ހުސައިން ޝަމީމް މަގާމުން ވަކިކުރަން ހުށައެޅުއްވި ސަބަބުތައް ހާމަކުރައްވާފައެވެ. ނިހާދު ވިދާޅުވީ ޕީޖީ ޝަމީމް މަގާމުގައި ހުންނަވައިގެން ހަމަހަމަކަމާއެކު އިންސާފު ހޯދައިދެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އަދި ކަންތައްތައް މިހާރު ދާގޮތުން ޕީޖީ ޝަމީމު މަގާމުގައި ބަހައްޓައިގެން އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތަށް އިންސާފު ލިބިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ނިހާދު ވިދާޅުވިއެެވެ.

މީގެ އިތުރުން ދުވަސް ގުނަން ނޭގުންފަދަ އިހްމާލުތައް ޝަމީމުގެ ފަރާތުން ތަކުރާރުވަމުންދާ ކަމަށާއި އަކުރަކާއި ފިއްޔެއް ބަދަލުވެ ބޮޑެތި އެތައް ކުށްވެރިންނެއް މިނިވަންވެފައިވާ ކަމަށް ނިހާދު ވިދާޅުވިއެވެ.

ނިހާދު މިހެން ވިދާޅުވެފައިވާއިރު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލުގެ ހުކުމެެއް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް ޔާމިން ސްޕްރީމް ކޯޓުން މިނިވަން ކުރި ހުކުމުގައި ޚިޔާނާތުގެ ފައިސާ ޖަމާކުރި ކަމަށް ބުނާ ރައީސް ޔާމީނުގެ އެކައުންޓްގެ ދެ އަކުރެއް ތަފާތުކަން ފާހަގަކޮށްފައި ވެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް އެމަގާމަށް އައްޔަންކުރުމުގެ ކުރިން އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ އިސް މޭސްތިރިއަކަށް ހުރި ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބާއި އެ ޚިޔާނާތުގެ ތުހުމަތުކުރެވޭ އިސް މީހުންނަށް ގާނޫނީ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އަދި އެމީހުން ދިފާއު ކުރަންވެސް ޝަމީމު ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަށްވާފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޙުސައިން ޝަމީމު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 7 ޑިސެމްބަރު 2019 ގައި 74 މެމްބަރުގެ ތާޢީދާ އެކުގައެވެ.



ކިޔުންތެރިންގެ ހިޔާލު