އެސްޓީއޯއިން 175 މިލިއަން ޑޮލަރު ނުވަތަ 2.6 ބިލިއަން ރުފިޔާގެ ޓްރޭޑް ފައިނޭންސިން ފެސިލިޓީއެއްގައި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަން، އައިޓީއެފްސީއާއެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިސްރުގައި މިހާރު ކުރިއަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)ގެ އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ.

އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ. އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހާނީ ސާލިމް ސޮންބޮލްއެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުވެސް ބައިވެރިވެވަޑައިގަތެވެ.



އައިޓީއެފްސީން އެސްޓީއޯއަށް ދޭ ކްރެޑިޓް ފެސިލިޓީއަކީ ކޮންމެ އަހަރަކުވެސް އެސްޓީއޯއަށް ހަމަޖައްސައިދޭ ފެސިލިޓީ އެކެވެ. އަދި އަހަރުން އަހަރަށް މި ފެސިލިޓީ ދަނީ އިތުރުކުރަމުންނެވެ.

އެސްޓީއޯއިން ބުނީ އަސާސީ މުދަލުގެ ބާވަތްތައް އައިޓީއެފްސީން ގަނެ ވަކި ވަރެއްގެ ފައިދާއެއް ލުމަށްފަހު އެސްޓީއޯއަށް ވިއްކާނެކަމަށެވެ. އަދި މި ފެސިލިޓީގެ ދަށުން މައިގަނޑު ގޮތެއްގައި ގަންނާނީ އަސާސީ ކާބޯތަކެއްޗާއި ތެލާއި ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ސާމާނުކަމަށް އެސްޓީއޯއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު